21 އޮކްޓޯބަރ 2018 - 10:33

ޓިއުރިން (އޮކްޓޯބަރު 21) – ޔޫރަޕުގެ އެންމެ ބޮޑު ފަސް ލީގުގެ ތެރޭގައި 400 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދި އިރު ޖެނޯއާއާ 1-1 އިން އެއްވަރުވެ ޔުވެންޓަސް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ޕޮއިންޓްތަކެއް ގެއްލުވާލައިފި އެވެ.
ރޮނާލްޑޯ 400 ގޯލް ހަމަކުރީ އިޓާލިއަން ލީގުގައި ޖެހި ފަސް ލަނޑުގެ އިތުރުން ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑަށް ޖަހައިދިން 311 ލަނޑާއި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑަށް ޖަހައިދިން 84 ގޯލާ އެކު އެވެ. ރޮނާލްޑޯގެ ފަހަތުން ދެ ވަނައިގައި އޮތީ 390 ލަނޑު ޖަހާފައިވާ ބާސެލޯނާގެ ލިއޮނަލް މެސީ އެވެ.
ޔުވެންޓަސްގެ ދަނޑު ރޭ ޖެނޯއާއާ 1-1 އިން އެއްވަރުވިއިރު މި މެޗުގައި ރޮނާލްޑޯ ގޯލް ޖެހީ 18 ވަނަ މިނެޓުގަ އެވެ. ޕޯޗުގަލް ފުލްބެކް ޔޮއާއޯ ކެންސެލޯ ޖެހި ޝޮޓެއް ބްލޮކްވި ވަގުތު ރޮނާލްޑޯ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
ޖެނޯއާ އިން އެއްވަރުކުރީ 67 ވަނަ މިނެޓުގަ އެވެ. ކޯނަރަކަށް ބޯޅަ ބޭރުވާނެ ކަމަށް ޔުވެންޓަސް ޑިފެންޑަރުން އަޅާނުލައި ތިއްބާ ޖެނޯއާގެ ކްރިސްޓިއަން ކުއާމޭ ބޯޅަ ހޯދައި ނެގި ހުރަސް ގޯލަށް ވައްދާލީ ޑެނިއަލް ބެސާ އެވެ.
މި މެޗުން ޔުވެންޓަސް އަށް މޮޅުނުވުމުގެ ފައިދާ ނަގައި ނަޕޯލީ ވަނީ ރޭ އުދިނޭޒީ 3-0 އިން ބަލިކޮށް އެ ޓީމާ ހަތަރު ޕޮއިންޓަށް ގާތްކޮށްފަ އެވެ. ޔުވެންޓަސް 25 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ނަޕޯލީ ދެ ވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އެވެ.