23 އޮކްޓޯބަރ 2018 - 07:29

ގޭތެރެއަށް ރަނގަޅަށް އަވި ވަންނަ ގޮތް ހެދުމަކީ އަނދިރީގައި އުފެދި ގިނަވާ ބެކްޓީރިއާތައް ނައްތާލަން ވަރަށް މުހިންމު ކަމެއްކަން ދިރާސާއަކުން ހާމަވެއްޖެ އެވެ.
ޔުނިވަސިޓީ އޮފް އޮރެގަން އިން ކުރި ދިރާސާއިން އެނގުނު ގޮތުގައި ގޭތެރޭގައި އުޅޭ އާންމު ބެކްޓީރިއާތަކުގެ ތެރެއިން 12 ޕަސެންޓަކީ އަނދިރީގައި އާލާވާ އެއްޗިއްސެވެ. އެކަމަކު އަވި ވަންނަ ގޮތަށް ހުންނަ ކޮޓަރިތަކުގައި މި ނިސްބަތް ހުރީ 6.8 ޕަސެންޓުގައި ކަމަށް ދިރާސާއިން ދެއްކި އެވެ. އަދި ޔޫވީ ލައިޓްގައި ނަމަ ނިސްބަތަކީ 6.1 ޕަސެންޓެވެ.
މައިކްރޮބަޔޯމް ނުވަތަ ގޭތެރޭން އާންމުކޮށް ފެންނަ ބެކްޓީރިއާތައް ގޭތެރޭގައި މަދުވާނެ ގޮތަކަށް ގެތައް ޑިޒައިންކުރުން މުހިންމު ކަމަށް މި ދިރާސާގައި މަސައްކަތްކުރެއްވި އަޝްކާން ފަހިމްޕޫރު ވިދާޅުވެފައިވެ އެވެ.
"މިކަމުން އާންމު ސިއްހަތަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
ޖާނަލް އޮފް މައިކްރޮބަޔޯމްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި، އިންސާނުންނަށް ގެއްލުން ހުރި ބެކްޓީރިއާ އާއި އެހެން ބާވަތްތައް ވަކިން ބަލައިފައެއް ނުވެ އެވެ. އެކަމަކު ބަލާފައި ވަނީ ބެކްޓީރިއާ އުފެދި ގިނަވުމަށް އަވީގެ ސަބަބުން ކުރާ އަސަރެވެ.