21 އޮކްޓޯބަރ 2018 - 11:22

ވޭލް ނުވަތަ ބޮޑުމަސް ފެނުމަކީ ރާއްޖޭގައި އާންމު ކަމެއް ނޫނެވެ. އަދި އެތެރެވަރިން، ރަށްތަކާ ކައިރިން މި މަންޒަރު ފެނިދާނެ ކަމަށް އުންމީދެއް ވެސް ނުކުރާނެ އެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ބޮޑުމަހެއް ފެނުނީ މާލެ-ވިލިމާލެ ކަނޑުއޮޅިންނެވެ.
ހުކުރު ދުވަހު މެންދުރު ފަހު ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު ޒުވާނުންތަކަށް މި މަސް ފެނިގެން ނަގާއިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު އެއަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. އެންމެ 10 ސިކުންތުގެ ވީޑިއޯއިން ފެންނަނީ ބޮޑު މަހެއް ފެން މައްޗަށް އަރައި ނޭވާލާފައި އަޑިއަށް ދަނިކޮށެވެ. އެ ވީޑިއޯ އިން މާލެ ވެސް ބޮޑުކޮށް ރީއްޗަށް ފެނެ އެވެ.
ފެނުނީ "ހަމްޕްބެކް ވޭލް" އެކެވެ. އެކަމަކު މާލެ ކައިރިން ފެނުނު މި މަހުގައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 10 ވަރަކަށް ފޫޓެވެ. އެހެންވެ އެއީ ޅަ އެއްޗެއް ކަމަށް ބެލެވެ އެވެ.
މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ޝިހާމް ވިދާޅުވީ އެއީ އާއްމު ކަމަކަށް ނުވިޔަސް މީގެ ކުރިންވެސް ރާއްޖޭގެ ރަށްތައް ކައިރިން އެފަދަ ބޮޑުމަސް ފެނިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ "ހަމްޕްބެކް ވޭލް" އަކީ ރާއްޖެ ސަރަހައްދުގައި އުޅޭ އެއްޗެއް ކަމަށެވެ.
"ބޮޑަށް ލަފާ ކުރެވެނީ އޮޅިގެން [ރަށްތައް ކައިރިއަށް] ވަދެވެނީ ކަމަށް. ފަހުން އެ ވޭލް ފެނުނުކަން އެނގިފައެއް ނެތް. އެހެންވީމަ ބެލެވެނީ އެދިޔަ ރޫޓުން ނުކުމެގެން ދިޔައީކަމަށް،" ޑރ. ޝިހާމް ވިދާޅުވި އެވެ.
އެ ވައްތަރުގެ މަހުގެ ދިގުމިން އާންމުކޮށް އުޅެނީ 12 އާއި 16 މީޓަރާ ދެމެދުގަ އެވެ. އަދި ބަރުދަން އުޅެނީ 25 އާއި 30 މެޓްރިކް ޓަނާ ދެމެދުގަ އެވެ.