ހުދު ހިޔަނި
ހުދު ހިޔަނި

ތިން މިނެޓު ހިނގައިފި އެވެ. ހަތަރުކަޅި ހަމަކޮށްގެން ހުރި އާމިރު އެސްފިޔައެއް ނުޖަހަ އެވެ. އަމިއްލަ މޫނުގެ އެކި ގުނަވަންތަކަށް ވަކިވަކިން އާމިރު ބެލި އެވެ. ބައްޓަން ރީތި ބުމަ އަށެވެ. ހުދު ކަޅިރަވަ އަށެވެ. ރީތި ނޭފަތަށެވެ. ތުނި ތުނބުޅިމަތިމަހާއި، އަންހެންކުދިން އެންމެ ހިތްކިޔާ ކަހަލަ ތުންފަތެކެވެ. ކިއްސަރު ފަރި މޫނަށެވެ. އާމިރުގެ ނަޒަރުގައި އެ ފަދަ ނަސީބެއް އެންމެންނަކަށް ނުލިބޭނެ އެވެ. އާމިރަކީ އާދަޔާ ޚިލާފަށް ރީތި މީހެއްކަން އާމިރަށް ވެސް އެނގެ އެވެ. ލާނެތް ގޮތަކަށް ހިނިތުން ވެލައިފައި، ޖެލްކޮޅެއް ނަގައި، ކަޅުކުލައިގެ ވަރުގަދަ އިސްތަށިގަނޑުގައި ހާކައިލުމަށް ފަހު ގަޑިއަށް ބަލައިލި އެވެ. އެ ރެ އަކީ، އިންސްޓަގްރާމުން އެކުވެރިކަން ބަދަހިވި އަރީކާގެ ގުޅުމުގައި ލޯބީގެ ކުލަ ޖެހޭ ރެ އެވެ. ގަޔަށް ސެންޓު ޖަހައިލައިފައި ޕެޕާމިންޓް ޗުވިންގަމެއް އަނގަ އަށް ލި އެވެ. ފަހަތު ޖީބަށް ފައިސާ ދަބަސް، އަރިމަތީ ޖީބަށް ފޯނު ލި އެވެ. ސައިކަލުގެ ތަޅުދަނޑި ނަގައިގެން ކޮޓަރިން ނުކުތެވެ.

އާމިރުގެ ލިސްޓުގައި ހުރި އަންހެންކުދިންގެ ނަންތައް ގިނަ އެވެ. އެކި އުމުރުގެ އެކި މިޒާޖުގެ ކުދިންނެވެ. ބައެއް ކުދިން ބޭނުމީ "އެކުވެރިކަމެވެ." އަނެއްބައި ކުދިން ބޭނުންވަނީ ލޯތްބެވެ. "މޯ ދެން އަ ފްރެންޑް" ބޭނުންވާ ކުދިންނާއި، "ހާފް ގާލްފްރެންޑް" ވިޔަސް ޝަކުވާއެއް ނެތް ކުދިން ވެސް ތިއްބެވެ. އެންމެންގެ ތެރެއިން އަރީކާ ހުނިޖެހިގެން ހޮވުނީ އަރީކާގެ މޫނުގައި ޔޫރަޕުގޮތެއް ހުންނާތީ އެވެ. އެ ސިފަ އަރީކާ އަށް ލިބުނީ އިނގިރޭސި ވިލާތުގެ މަންމަގެ ފަރާތުންނެވެ. އަރީކާގެ ވަޒަނަކީ ވެސް އިނގިރޭސި ވިލާތެވެ. މާލެ އައީ މާމަ ބަލިކޮށް އުޅޭތީ މާމަ ދެކިލުމަށް ޓަކައެވެ. އެ ދަތުރުގައި އަރީކާގެ ނަޒަރު އާމިރަށް ހުއްޓުނީ އެވެ. ބައްޕައާ އެކުގައި ފިހާރަ އަކަށް ވަންތަނާ ޓީވީން ފެނުނު މޯލްޑިވިއަން އައިޑޮލް ޝޯ އިންނެވެ. މިޔުޒިކާއި ޓެނިސް ކުޅުމަކީ އާމިރުގެ ހޮބީ އެކެވެ. އަރީކާ އަކީ ވެސް މިޔުޒިކަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އަމިއްލަ އުފަލެއް ގޮތުގައި ލަވަކިޔާ ކުއްޖެކެވެ. އެކަކަށް އަނެކަކު ކަމުދިޔުމުގައި މިޔުޒިކު އަދާކުރި ދައުރު ބޮޑެވެ.

ފުރަތަމަ ބައްދަލުވުމުން ވެސް ދެ މީހުންގެ މެދުގައި ވަރުގަދަ ދަމާބާރެއް އުފެދުނެވެ. ހީވީ މާ ކުރިން ވެސް ބައްދަލުވެފައިވާ ދެ މީހުން ހެންނެވެ. އޭގެ ފަހުން ފޯނުކޯލުތައް ގިނަވި އެވެ. ކޮފީ ބުއިމާއި، ކެއުމުގެ ދައުވަތުތައް އިތުރުވި އެވެ. ސެލްފީތައް އާންމުވި އެވެ. ހުރިހާ ދިމާއަކަށް ޚަބަރުތައް ފެތުރުނެވެ. ލޯބީގެ ހަރުފަތްތަކުގައި ފައި އަޅަމުން އާމިރު މައްޗަށް އެރިއިރު، ބައެއް ހަރުފަތަށް ހުރީ ފެން އެޅިފަ އެވެ. ކުއްލިއަކަށް ފައި ކައްސައިލި އެވެ. ހިފަހައްޓާނެ އެއްޗެއް އާމިރަކަށް ނުފެނުނެވެ. ކުއްލިއަކަށް އަރީކާ ބަލިވީ އެވެ. ދޭނެ ބޭހެއް ނޭނގުނެވެ. ވާ ގޮތެއް ނޭނގުނެވެ. ލޯބީގެ ގޮތުން އަރީކާ އާއި އާމިރު ގުޅުނު ހަފުތާގައި އަރީކާ ގައިގައި ރިއްސަން ފެށި އެވެ. މެޔަށް ތަދުވާން ފެށި އެވެ. ބޮލުގައި ރިއްސައި ހުޅުހުޅުގައި ރިއްސަން ފެށި އެވެ. ދުވަސްކޮޅަކުން އަރީކާ ގައިން ވަރު ހުސްވި އެވެ. ހޮސްޕިޓަލްގައި އެޑްމިޓުކުރި ގޮތަށް ދުލެއް ނުކުރި އެވެ. ރާއްޖެއިން ފުރާކަށް ހުއްދައެއް ނުދިނެވެ. އެހެން ނޫން ނަމަ އަރީކާ ފަރުވާ ކުރީހީ އިނގިރޭސި ވިލާތުންނެވެ. އައިސީޔޫގައި އަރީކާ އޮތްއިރު ވެސް ހާލު ހައްތަހާ ދިޔައީ ދަށަށެވެ. ބޭރުން ޑޮކްޓަރު ގެނެސްގެން ވެސް އަރީކާ އަކަށް ކުޑަ ވެސް ލުޔެއް ނުލިބުނެވެ. އަރީކާ މަރުވީ އަރީކާގެ އަތުގައި އާމިރު ހިފަހައްޓައިލައިގެން އިންދަ އެވެ. މަރުވި ސަބަބަކީ ކޮބައި ހެއްޔެވެ؟ އެކަކަށް ވެސް އެ ސުވާލުގެ ޖަވާބެއް ނޭނގެއެވެ. އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އަރީކާ އަކީ ބައްޔެއްގައި އުޅުނު ކުއްޖަކަށް ނުވީތީ އެވެ.

އަރީކާގެ ހަނދާނުގައި އާމިރު ހިތްދަތި ދުވަސްތަކެއް ގުނި އެވެ. ގެއިން ނުނިކުމެ ދުވަސްކޮޅަކު އުޅުނެވެ. ކިއުގައި ތިބި އަންހެން ކުދިންތައް މޮޔަ ވެގެން އުޅުނެވެ. އެކި ވަސީލަތްތައް މެދުވެރިކޮށް އާމިރާ ގުޅި އެވެ. އެކަކަށް ވެސް އާމިރު ޖަވާބެއް ނުދެ އެވެ. އާމިރު ހުރީ ޖަވާބުދެވޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ.

އަރީކާ ވަކިވެގެން ދިއުމުގެ ހިތާމައިގައި އުޅެފައި އާމިރަށް ހިންދަމައިލެވުނީ ދެ މަހެއްހާ ދުވަސް ފަހުންނެވެ. އާމިރުގެ ހަޔާތަށް އައި ދެވަނަ ކުއްޖާ އަކީ ތޫމާ އެވެ. ހަތަރުކަށިމަތި ދިވެހި ކުއްޖެކެވެ. އެ ކުއްޖާ އަށް ވެސް އާމިރުގެ މައިންބަފައިންގެ ރުހުން ލިބުނެވެ. ތޫމާގެ މަންމަ އާއި ބައްޕަ އާމިރު ދެކެ ވެސް ވަރަށް ލޯބިވި އެވެ. ދެ އާއިލާ ވަރަށް ގުޅެއެވެ. އެކަމަކު ބަދުނަސީބުގެ ވާރޭ ވެހިގަތީ މާ އަވަހަށެވެ. އާމިރާ ރައްޓެހިވިތާ ދެތިން ދުވަސް ތެރޭގައި ތޫމާ އަށް ކަންތައްތަކެއް ދިމާވާން ފެށި އެވެ. ބުނަން ނޭނގޭ ކަހަލަ ބަލިތަކެއް ޖެހެން ފެށި އެވެ. ބައެއް މީހުން ދުށީ އެއީ ޝައްކުބަލި ކަމުގަ އެވެ. ތޫމާއަށް އަބަދުވެސް ހީވަނީ ތޫމާއަށް ކޮންމެވެސް ކަމެއް ވާން އުޅޭހެންނެވެ. ގޭގެ މީހަކު ބޭރަށް ނުކުންނަން އުޅުނަސް ނުވަތަ މަންމަ ބޭރަށް ތާކަށް ދާން އުޅުނަސް ތޫމާއަށް ހީވަނީ މަންމަ ބޭރަށް ގޮސްފި ނަމަ އެކްސިޑެންޓެއް ވެދާނެ ހެންނެވެ. ތޫމާ އުޅެނީ މަންމަ ބޭރަށް ނުކުތަ ނުދޭށެވެ. އެކި ގޮތްގޮތުން މަންމަ އަށް ހުރަސް އަޅާށެވެ. ތޫމާ ތަނަކަށް ދާން އުޅުނަސް އޭނައަށް ހީވަނީ އޭނައަށް ކޮންމެވެސް ކަމެއް ވެދާނެ ހެންނެވެ. އެހެންވެ، ގެއިން ބޭރަށް ނުކުތުން ހުއްޓައިލި އެވެ. އޮފީހަށް ނުކުތުން ވެސް ހުއްޓައިލި އެވެ. ތޫމާއަށް ރައްކާތެރިކަން އިހުސާސް ކުރެވޭ ހަމައެކަނި ތަނަކަށް އެނދު ވި އެވެ. ފަންކާ ޖެއްސިޔަކަ ނުދެ އެވެ. ބޮތްކެއް ނިއްވިޔަކަ ނުދެ އެވެ. ދުވާލު ހަތަރުދަމު ވެސް ބޮކިތައް ބަހައްޓަން ޖެހެނީ ދިއްލައިފަ އެވެ. މޮޑެގެން ކާ އެކައްޗެއް ވެސް ނުކަ އެވެ. ގިރައިގެން ބޯ އެކައްޗެއް ވެސް ނުބޮ އެވެ. ބޮލަށް ފެން އަޅައިގެން ފެންވަރާކަށް ނުކެރެ އެވެ. ނޭވާ ހާސް ވެދާނެތީ އެވެ. ލޯ މަރާކަށް ނުކެރެ އެވެ. އެ ވަގުތު ވާނެ ގޮތް ނޭނގޭތީ އެވެ. އާމިރާ ފޯނުން ގުޅިއްޖިއްޔާ ވާހަކަ ދައްކާކަށް ނުކެރެ އެވެ. ނުގުޅިއްޖިއްޔާ ހާސް ވެގެން ތެޅިފޮޅެ އެވެ. އާއިލާގެ ހުރިހާ އެންމެން ސައުވީސްގަޑިއިރު ތިބެނީ ތައްޔާރީ ހާލަތުގަ އެވެ. އެހެން ކަމުން ތޫމާ އާއި އާމިރަކަށް ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބެ އެވެ. ތޫމާ ގާތުގައި ދެ މީހަކު ނުތިބޭ ވަގުތެއް ނުދެ އެވެ. ގިނައިން ތިބެނީ ތޫމާގެ މަންމަ އާއި ބައްޕަ އެވެ.

އޮފީހުގެ އެކުވެރިން ބަރާބަރަށް ތޫމާގެ ހާލު ބަލަ އެވެ. ބައްދަލު ކުރަން އާދެ އެވެ. ބައެއް އެކުވެރިން ވަރަށް ދަން ވަންދެން ވެސް ވާހަކަ ދައްކަން ތިބެ އެވެ. އެހެން ތިބޭ ވަގުތުކޮޅު ތޫމާގެ ހާލަތު ކުޑަކޮށް ރަނގަޅުވެ އެވެ. ވާ އުދަނގޫތައް ކުޑަވެ އެވެ. އެ ކަން ފާހަގަ ކުރެވިގެން ތޫމާގެ ކޮޓަރީގައި ޓީވީއެއް ބެހެއްޓި އެވެ. ކޭބަލް ޓީވީ ލިބޭ ގޮތް ހެދި އެވެ. އެކި ކަހަލަ ކާ އެއްޗެހި ގެނެސް އެ ކެއުމުގައި ތޫމާ ވެސް ބައިވެރި ކުރި އެވެ. އެހެން ވަގުތެއްގައި ތޫމާ އަކަށް ނުކެވެ އެވެ. ގިނަ މީހުންގެ ތެރޭގައި އުޅުމަކީ އާމިރަށް ފަސޭހަ ކަމެއް ނޫނެވެ. ނުދަންނަ މީހުންނާ ވާހަކަ ދައްކައި، ސަމާސާކޮށް ހެދުމަކީ އާމިރު ގަޔާވާ ކަމެއް ނޫނެވެ. އެހެން ކަމުން އާމިރާއި ތޫމާގެ ގުޅުމަށް ހީނަރުކަން އަންނަން ފެށި އެވެ. އޮފީހުގެ އެކުވެރިންގެ ތެރޭގައި އުޅުނު ހުޒާމާއި ތޫމާގެ ގުޅުން ބަދަހިވާން ފެށި އެވެ.

ހަޔާތުގެ ބައެއް ކަން ކަމަކީ ތިމާ ބޭނުންވެގެން ކުރާ ކަން ކަމެވެ. އަނެއްބައި ކަން ކަމީ އެ ކަމެއް ވާން ފެށުމުން ތިމާ ގަޔާވާން ފަށާ ކަން ކަމެވެ. ހުޒާމުގެ އޯގާތެރި ސިފަތަކަށް ތޫމާގެ ހިތް ލެނބި، އާމިރު ދެކެ ތޫމާ ފޫހިވާން ފެށީ ބޭއިޚްތިޔާރުގަ އެވެ. އެ އިހުސާސްކުރެވެން ފެށުމުން ތޫމާ އަކަށް އެ ކަމެއް ނުހުއްޓު ވުނެވެ. އެ ނިންމުން ބަދަލު ކުރުމަށް އެކުވެރިން ނަސޭހަތް ދެމުން ދަނިކޮށް ތޫމާ އާއި އާމިރުގެ ލޯބީގައި ވަކިވުމުގެ ސިއްކަ ޖެހުނެވެ. އޭރު ތޫމާގެ ދުނިޔެ އަކީ ތަންމައްޗެވެ. އެނދުން ތެދުވާކަށް ތޫމާ ބޭނުމެއް ނުވެ އެވެ. ތެދުވާނެ ހިތްވަރެއް ވެސް ނުހުރެ އެވެ.

އާމިރާ ރުޅިވިތާ ހަތަރުވަނަ ދުވަހު ތޫމާގެ ފިކުރުތައް މަދުވާން ފެށި އެވެ. އެނދުން ތެދުވާ ހިތްވެ، ކޮޓަރިން ބޭރަށް ނުކުމެ އުޅެން ފެށި އެވެ. ރައްޓެހިންނާ ބައްދަލުކުރަން ކޮޓަރި އަށް ވަނުން ހުއްޓުނެވެ. އެހެން މީހުން ކާ ހުރިހާ އެއްޗެއް ތޫމާ އަށް ކެވެން ފެށި އެވެ. އޮފީހަށް ނުކުންނަން ފެށި އެވެ. އެ ބަދަލުތައް އައީ އެއްވެސް އިތުރު ކަމެއް ކޮށްގެނެއް ނޫނެވެ. ކުރިން އުޅުނުހެން ބޭރަށް ނުކުންނަ ހިތް ޖެހި، އާއިލާ މީހުންނާ ސަމާސާކޮށް އުޅެން ވެސް ފެށި އެވެ. އެންމެ ހައިރާން ވާންޖެހޭ ކަމަކީ، ބަލިވި ގޮތަކާއި ގަދަވި ގޮތެއް އެކަކަށް ވެސް ނޭނގޭތީ އެވެ. ތޫމާގެ ހުރިހާ ކަމެއް ކުއްލި އަކަށް ރަނގަޅު ވުމަކީ އެންމެންނަށް ލިބުނު ވަރުގަދަ ޝޮކެކެވެ.

އާމިރުގެ ހަޔާތަށް އައި ތިންވަނަ ކުއްޖަކީ ދާނިޔާ އެވެ. ދާނިޔާ އަކީ ތައުލީމާއި ކުޅިވަރުގެ ދާއިރާގައި ވެސް ހުނަރުވެރި ކުއްޖެކެވެ. ކާމިޔާބު ކުއްޖެކެވެ. ތޫމާގެ ދުރުތާ އެކުވެރި އެކެވެ. ކޮންމެ ދުވަހަކު ފެނި ބައްދަލު ނުވިޔަސް، ތޫމާއާއި ދާނިޔާގެ މެދުގައި އެކުވެރިކަން އޮވެ އެވެ. މަދުމަދުން ނަމަވެސް ދިމާވެ އެވެ. އެއް އުމުރެއްގެ ކުދިންނަށް ވީތީ އެވެ. ސްކޫލް ދައުރުގެ ކޮންމެވެސް ހިސާބެއްގައި އެކުގައި އުޅެވިފައި ވީތީ އެވެ. އޮފީސްތަކުގެ މެދުގައި ބޭއްވި ބަހުސް މުބާރާތަކުން ވެސް އެ މީހުން ދިމާވެފައި ވީތީ އެވެ. އާމިރު ކުރިން އުޅުނީ ތޫމާއާ ރައްޓެހި ވެގެންކަން ވެސް ދާނިޔާ އަށް އެނގެ އެވެ. ދެ މީހުން ރުޅިވިކަން ވެސް އެނގެ އެވެ. އެހެން ނަމަވެސް އިތުރު ތަފުސީލެއް ދާނިޔާ އަކަށް ނޭނގެ އެވެ. ނުވެސް އަހަ އެވެ.

އާމިރުގެ ދިރިއުޅުމުގެ އަނދިރި ފަރާތެއް އޮވެ އެވެ. އެ ފަރާތް ކިހާ އަނދިރި ކަމެއް އާމިރަކަށް ނޭނގެ އެވެ. ވަރަށް ކުޑައިރުއްސުރެ ވަމުން އަންނަ ކަންތައްތަކަކަށް ވީތީ އެވެ. އާމިރަށް ހީވެފައި އޮންނަނީ އެއީ އެންމެންނަށް ވެސް ވާ ކަމެއް ކަމަށެވެ. އާންމު ކަމެއް ކަމަށެވެ. އެއީ، ނިދަން އޮންނައިރު ގައިގައި އެއްޗެއް ޖެހޭހެން ހީވުމެވެ. ބައެއް ފަހަރު ހީވާނީ ގާތުގައި މީހަކު އޮންނަ ހެންނެވެ. ގަމީސް ނުލައި އޮންނައިރު ގައިގައި އިސްތަށިގަނޑެއް ޖެހޭ ހެން ވެސް ހީވެ އެވެ. އަތުގައި ތޫނު ވަކިތަކެއް ޖެހޭހެން ވެސް ހީވެ އެވެ. އެކަމަކު އެއްވެސް ކަހަލަ ނިޝާނެއް ނުހުރެ އެވެ. އަތުގެ އިނގިލި ތަކުގައި އިސްތަށިގަނޑެއް އޮޅޭ ވަގުތު ކުރެވޭ ކަހަލަ އިހުސާސެއް ވެސް އާމިރަށް ކުރެވެ އެވެ. ކިތަންމެ ރެ އަކު ބޮކި ދިއްލައި އަތަށް ބަލާއިރު ވެސް އެއްޗެއް ނުފެނެ އެވެ. ބަލަން އިންނައިރު ވެސް އިސްތަށިގަނޑު އިނގިލިތަކުގައި އޮޅޭ ކަމުގެ އިހުސާސް ވަރަށް ގަދަ އަށް ކުރެވެ އެވެ. އާމިރު އެކި އިނގިލީގައި ވަކިވަކިން ހިފައި ދަމައި ހަދަ އެވެ. އިސްތަށިގަނޑު ނެއްޓުމަށް ޓަކަ އެވެ. އެ އަކުން ވާ ކަމެއް ނޯވެ އެވެ. އާމިރަކީ ބަންޑުން އޮވެގެން ނިދާ މީހެއް ނޫނެވެ. ބަންޑުން އޮންނާކަށް އާމިރަކަށް ފަސޭހައެއް ނޫނެވެ. އަބަދުވެސް އާމިރު ނިދަނީ އުއްޑުން އޮވެގެންނެވެ. ފަންކާ އަށް ބަލަހައްޓައިގެން އޮވެގެންނެވެ. އެކަމަކު ހޭލެވޭއިރު އޮވެވެނީ ބަންޑުންނެވެ. ދަތުރު ގޮސް އުޅުނު ފަހަރެއްގައި ވަރަށް ހަނި ދިގު ގޮނޑިއެއްގައި އޮއްވައި އާމިރަށް ނިދުނެވެ. ހޭލެވުނު އިރު އޮވެވުނީ ބަންޑުންނެވެ.----ނުނިމޭ