ބިޔަ ކުންފުނިތަކުގެ ބޮޑެތި ގުދަންތަކަށް މިހާރު އެންމެ އެކަށީގެންވަނީ ރޮބޮޓުންކަން، ޖަޕާންގެ ކުންފުންޏަކުން ސާބިތުކޮށްދީފިއެވެ. އަންނައުނުގެ ވިޔަފާރިކުރާ ކުންފުންޏެއްކަމަށްވާ ޔުނީކްލޯއިން އެންމެ ހައިޓެކް ފެންވަރަށް ފައްކާކުރުމަށް ފަހު އެންމެ ފަހުން ހުޅުވި ގުދަނުގެ މައިގަނޑު ގިނަ މަސައްކަތްތައް ކުރަނީ ރޮބޮޓުންނެވެ.

އިންސާނުން ކުރަމުން އައި މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް މިހާރު ކުރަނީ ރޮބޮޓު އަތްތަކަކުންނެވެ.
ހައިޓެކް ފެންވަރަށް އެ ގުދަން ތަރައްގީކުރި ފަހުން ގުދަނުގެ މަސައްކަތް އިތުރަށް ފުރިހަމަވެއްޖެ ކަމަށް ވެސް ޔުނީކްލޯ ކުންފުނިން ބުނެއެވެ. މިހާރު ދުވާލަކު 24 ގަޑިއިރު މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގެ ގާބިލްކަން އެ ގުދަނަށް ލިބިފައިވެ އެވެ. ގުދަން ހަމައެކަނި ބަންދުވާނީ މެއިންޓަނަންސް މަސައްކަތަށް ބަންދުކުރަންޖެހޭ ވަގުތުތަކުގައި އެކަންޏެވެ.

ޔުނީކްލޯ ގުދަނުގެ މަސައްކަތް މިފެންވަރަށް ބަދަލުކުރީ ދައިފުކޫ ކުންފުންޏާ ގުޅިގެންނެވެ. ޔުނީކްލޯގެ މައި ކުންފުނި، ފާސްޓް ރިޓެއިލިންގް އިން ވިސްނާފައިވަނީ އެ ކުންފުނީގެ ގުދަންތައް ހައިޓެކް ފެންވަރަށް ތަރައްގީކުރުމަށް 890 މިލިއަން އެމެރިކާ ޑޮލަރު ޚަރަދަކުރުމަށެވެ. ޔުނީކްލޯގެ ގުދަންތައް ޖަޕާންގެ އިތުރުން 11 ގައުމެއްގައި ގާއިމްކޮށްފައިވެއެވެ.

ޔުނީކްލޯ ގުދަން ފަރުމާކޮށްފައިވަނީ ރޮބޮޓު އަތްތަކުގެ އެހީގައި އިލެކްޓްރޯނިކް ޓެގްތައް ސްކޭންކުރުމާއި، ސްޓޮކް ނަމްބަރާއި އެހެނިހެން މައުލޫމާތުވެސް އަޅައިކިޔޭ ފެންވަރަށެވެ. ތަންތަނަށް ފުރުވާލަންޖެހޭ މުދާ ވަކިކުރުމާއި ލޭބަލްކުރުމުގެ ގާބިލްކަންވެސް މި ރޮބޮޓް އަތްތަކަށް ލިބިފައިވެއެވެ.

ބެލެވޭ ގޮތުގައި މިހާރު ގާތްގަޑަކަށް 10 ޕަސެންޓް މީހުން ޔުނީކްލޯ ގުދަނުގައި މަސައްކަތްކުރިޔަސް މި އަދަދު ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ވެސް މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.