21 އޮކްޓޯބަރ 2018 - 09:09

މެންޗެސްޓާ (އޮކްޓޫބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ބާންލީ އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި މަގާމު ދަމަހައްޓައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ސިޓީ އަށް ނުވަ މެޗުން ވަނީ 23 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލް ވަނީ ރޭ ރަށުން ބޭރުގައި ހަޑްސްފީލްޑް ޓައުން އަތުން 1-0 އިން މޮޅުވެފަ އެވެ. ލިވަޕޫލަށް ވެސް ނުވަ މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ރޭ ޗެލްސީ ކުޅުނު މެޗުން އެ ޓީމު ވަނީ ފަހު ވަގުތު ވައްދާލި ގޯލުން މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން އެއްވަރުކޮށްފަ އެވެ. ޗެލްސީ ތިން ވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.
ސިޓީން ރޭގެ މެޗުގައި ބާންލީގެ ގޯލު ހުޅުވާލީ 17 ވަނަ މިނިޓްގައި ސާޖިއޯ އަގުއޭރޯ ވައްދާލި ގޯލުންނެވެ. ފުރަތަމަ ހާފުގައި ލީޑުފުޅާކުރަން ސިޓީން ފޮނުވާލި ގިނަ ހަމަލާތަކެއް ބާންލީ ގޯލުގައި ހުރި ކުރިން ސިޓީ އަސް ކުޅުނު ކީޕަރު ޖޯ ހާޓް ވަނީ މަތަކޮށްފަ އެވެ.
ސިޓީގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 54 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ އެވެ. ބެނާޑޯ ސިލްވާ މި ލަނޑު ޖަހަން ޑޭވިޑް ސިލްވާ ހުރަސް ނަގައިދިިންއިރު ބޯޅަ ބޭރުވި ކަމަށް ބުނެ ބާންލީ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ. ސިޓީގެ އަނެއް ތިން ގޯލު ޖެހީ ފެނާންޑީނިއޯ، ރިޔާދު މާރޭޒް އަދި ލިރޯއި ސާނޭ އެވެ.
މި މޮޅާ އެކު ސިޓީން ވަނީ ލީގުގައި އަމިއްލަ ދަނޑުގައި 100 ޕަސެންޓް ރެކޯޑް ދަމަހައްޓައިފަ އެވެ. މި މެޗުގައި އަނިޔާއިން ރަނގަޅުވެ ސިޓީ އަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ވަނީ ކުޅެފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޑިބްރޭނާ އެނބުރި އައުމުން ގިނަ ކަންތައްތަކެއް ރަނގަޅުވެގެންދާނެ ކަމަށް ބުނެފަ އެވެ.
ލީގުގެ 19 ވަނައިގައި އޮތް ހަޑްސްފީލްޑް އަތުން ލިވަޕޫލް މޮޅުވިއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކުރީ މުހައްމަދު ސަލާހު އެވެ. އޭނާ މި ލަނޑު ޖެހީ ޒެރްޑަން ޝަގީރީ ދިން ބޯޅަ އަކުންނެވެ. އޭގެ ފަހުން ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތައް ލިވަޕޫލުން ވަނީ ނަގާލައިފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ރޭގެ މެޗަށް ފަހު ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި އެންމެ ރަނގަޅަށް ފެށި ސީޒަން ކަމަށާއި އެހެން ކަމުން އޭނާ އަށް ހިތްހަމަ ޖެހުމެއް އެބައޮތް ކަމަށެވެ. އެކަމަކު ބައިނަލްއަގްވާމީ މެޗުތަކަށް ފަހު އެނބުރި އައިސް އޭނާގެ ޓީމުން މި މެޗު ކުޅެން ޖެހުނީ އުނދަގޫ ހާލަތެއްގައި އޮވެ ކަމަށާއި ނަތީޖާ ރަނގަޅުވި ނަމަވެސް މެޗުގެ ކުޅުމާ ދޭތެރޭ ގިނަ ކުޅުންތެރިން ހިތްހަމަ ނުޖެހޭނެ ކަމަށެވެ.
ލީގުގައި ރޭ ޓޮޓެންހަމް ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މި މޮޅާ އެކު ޓޮޓެންހަމް ލީގުގެ ހަތަރު ވަނައިގައި އޮތީ ތިން ވަނައިގައި އޮތް ޗެލްސީއާ އެއްވަރަށް ނުވަ މެޗުން 21 ޕޮއިންޓާ އެކު އެވެ.