20 އޮކްޓޯބަރ 2018 - 23:30

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަސް މެމްބަރުން ރިޝްވަތު ނަގައި އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ އަބުރުކަތިލަމުންދާ މީހުންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވި ރިޔާސީ އިންތިޚާބު އީސީން އޮޅުވާލީ ކަމަށް ބުނެ، ޕީޕީއެމުން މަދު ބަޔަކާ އެކު ކޮންމެ ރެއަކު އެ ޕާޓީގެ އޮފީސް ކުރިމަތީގައި ބާއްވާ އަޑުއުފުލުގައި މެމްބަރުންނަށް ދަނީ ބޮޑެތި ތުހުމަތު ކުރަމުންނެވެ. އިންތިޚާބު އޮޅުވާލީ، ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ރާއްޖެ ގެންނެވި ލިޔެވޭ އަނގޮނޓިތަކަކާއި ފާހަގަ ބަދަލުވާ ގޮތަށް ޗާޕްކުރި ވޯޓު ކަރުދާސްތަކަކާއި ދެލި ފުހޮވޭ ގަލަންތަކަކުން ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
މި ތުހުމަތުތަކާ އެކު އިންތިޚާބު ބާތިލްކުރަން، ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް ކޮމިޝަންގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވަނީ ރިޔާސީ އިންތިޚާބުގައި އެއްވެސް އޮޅުވާލުމެއް ނެތް ކަމަށެވެ. ވޯޓުލުމާއި ވޯޓު ގުނުން ދިޔައީ، އެންމެންގެ ކުރިމަތީގައި ކަމަށާއި އިންތިޚާބުގެ ނަތީޖާ ފެންނަން އޮތީ ރައްޔިތުން ވޯޓުލީ ގޮތަށް ކަމަށެވެ.
އެ ހަގީގަތް، ގަބޫލުނުކޮށް ކޮމިޝަންގެ މެމްބަރުންނަށް ބޮޑެތި ތުހުމަތު ކުރުން ބަލައެއް ނުގަނެވޭ ކަމަށް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި އެވެ. އެފަދަ ދޮގު އިލްޒާމް އަޅުވައި އަބުރު ކަތިލާ މީހުންނާ މެދު ދައުވާ ކުރަން އަންނަ ހަފުތާގައި ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެމްބަރުންނަށް "ވަގަށް" ގޮވާ މަންޒަރު ލައިވްކުރާ ޓީވީ ޗެނަލްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން ވެސް އީސީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގައި އެދިފަ އެވެ.
އީސީގެ މެމްބަރުންނާ މެދު ކުރާ ތުހުމަތުތައް ދޮގުކުރައްވައި ސަންގު ޓީވީގައި އަކްރަމް ވިދާޅުވީ "އެއްވެސް މެމްބަރަކު ކަޅު ފައިސާގައި ޖެހުނު ކަމަށް ގަބޫލު ނުކުރައްވާނެ" ކަމަށެވެ. އެއާއެކު، ނިމިގެން ދިޔަ އިންތިޚާބާ ގުޅޭ އެއްވެސް ކަމެއްގައި މެމްބަރަކު ގާނޫނާ ޚިލާފު އަމަލަކަށް ވެސް އަރައިގަނެފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން، މެމްބަރުން މިތިބީ ނަޒާހަތްތެރިކަމާ އެކު،" އީސީގެ ތަރުޖަމާން، އަކްރަމް ވިދާޅުވި އެވެ.
"އެއްވުންތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ނިސްބަތްކޮށް ދައްކާ ހަގީގަތާ ޚިލާފު ތުހުމަތުތަކުގައި ދައުވާކުރަން ސިވިލް ކޯޓަށް ހުށަހަޅާނަން."
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ހާމަކަން ބޮޑު އިންތިޚާބެވެ. އެ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށް އީސީން ބުނެ އެވެ.