ރެއާލް މެޑްރިޑަށް މިރޭ ވެސް ނާކާމިޔާބު!
ރެއާލް މެޑްރިޑަށް މިރޭ ވެސް ނާކާމިޔާބު!

މެޑްރިޑް (އޮކްޓޯބަރު 20) – ސްޕެނިޝް ލީގުގައި މިރޭ ލެވަންޓޭ އަތުން އަމިއްލަ ދަނޑުގައި 2-1 އިން ބަލިވެ ގަދަފަދަ ރެއާލް މެޑްރިޑް މޮޅެއް ނުލިބި ފަސް ވަނަ މެޗު ނިންމާލައިފި އެވެ.

ލެވަންޓޭ އިން ދެ ގޯލް ޖަހާފައި އޮއްވާ މެޗުގެ 72 ވަނަ މިނެޓުގައި މެޑްރިޑުގެ ހަމައެކަނި ގޯލް ޖެހީ ޑިފެންޑަރު މާސެލޯ އެވެ. އޭރު އެ ޓީމު ވަނީ ލަނޑެއް ނުޖަހާ 481 މިނެޓު ހޭދަކޮށްފަ އެވެ. މިއީ އެ ކްލަބުގެ ތާރީހުގައި ވެސް ލަނޑެއް ނުޖެހި އެންމެ ދިގުލައި ދިޔަ ފަހަރެވެ.

މެޑްރިޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ސްޕެނިޝް ލީގުގައި ސެވިއްޔާ އަތުން 3-0 އިން ބަލިވެ އަދި ޑިޕޯޓިވޯ އަލަވެސް އަތުން 1-0 އިން ބަލިވެ އެތުލެޓިކޯ މެޑްރިޑާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 1-0 އިން ވަނީ ބަލިވެފަ އެވެ.

މިރޭގެ ނަތީޖާއާ އެކު އެ ޓީމު އޮތީ 14 ޕޮއިންޓާ އެކު ސްޕެނިޝް ލީގުގެ ފަސް ވަނައިގަ އެވެ. ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް މިރޭ ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ ދެ ޓީމަށް މެޑްރިޑުގެ މައްޗަށް ހަތަރު ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. އަދި އަންނަ ހަފުތާގައި އެލް ކްލެސިކޯ މެޗުން މެޑްރިޑުގެ މައްޗަށް ކުރި ހޯދައި ތަފާތު ބޮޑުކުރަން ބާސެލޯނާ އަށް ފުރުސަތު އޮންނާނެ އެވެ.

މި ނަތީޖާތަކާ އެކު މެޑްރިޑުގެ ކޯޗު ހުލެން ލޮޕެޓީގަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ބެލެވޭ ގޮތުގައި ކްލެސިކޯ މެޗުން ނަތީޖާ ނުނެރެވިއްޖެ ނަމަ އޭނާ ވަކިކުރާނެ އެވެ. ލޮޕެޓީގަށް މެޑްރިޑުގެ ކޯޗުކަން ދިނީ ސްޕެއިން ގައުމީ ޓީމާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެފައިވާތީ އެވެ. އެކަމަކު ސްޕެއިން ގޮވައިގެން ވޯލްޑް ކަޕަށް ގޮސް ހުރެ، މި ސީޒަނުގައި މެޑްރިޑާ ހަވާލުވާން އެއްބަސްވުމުން އޭނާ އަށް ވޯލްޑް ކަޕުގެ ކުރިން ސްޕެއިން ކޯޗުކަން ވެސް ގެއްލުނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މެޑްރިޑުން މިހާރު ވެސް ވަނީ ޗެލްސީ އާއި ޔުވެންޓަސް އަދި އިޓަލީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މަޝްވަރާކޮށްފަ އެވެ. އަދި މެޑްރިޑާ ގުޅެން ކޮންޓޭ ވެސް އާނ ބަސް ބުނެފައިވާ ކަމަށްވެ އެވެ.