ޗެލްސީން ފަހު ސިކުންތުގައި ޔުނައިޓެޑް ރޮއްވާލައިފި
ޗެލްސީން ފަހު ސިކުންތުގައި ޔުނައިޓެޑް ރޮއްވާލައިފި

މެންޗެސްޓާ (އޮކްޓޯބަރު 20) – ފަހު ސިކުންތުގައި ރޮސް ބާކްލޭ ވައްދާލި ގޯލާ އެކު މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން ޗެލްސީ އެއްވަރުކޮށް ޕްރިމިއާ ލީގުގައި ބަލިނުވުމުގެ ރެކޯޑް ދެމެހެއްޓި އިރު ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ޖަޒުބާތުގައި ޖެހި މައްސަލަގަނޑެއްގެ ތެރެއަށް ފުންމާލައިފި އެވެ.

ޗެލްސީން ފަހު ސިކުންތުގައި ޔުނައިޓެޑް ރޮއްވާލައިފި
ޗެލްސީން ފަހު ސިކުންތުގައި ޔުނައިޓެޑް ރޮއްވާލައިފި

ބާކްލޭގެ ލަނޑާ އެކު ޗެލްސީގެ އެސިސްޓަންޓް ކޯޗު މާކޯ އިއާނީ ދުވެފައި ގޮސް މޮރީނިއޯގެ ކުރިމައްޗަށް އަރައި އުފާފާޅުކުރި އިރު، ދެ ވަނަ ފަހަރަށް އޭނާ ހުރަސް ކުރި ވަގުތު މޮރީނިއޯ އޭނާ ފަހަތުން ދުއްވައިގަތެވެ. އެކަމަކު ޓަނެލް ތެރެއަށް މޮރީނިއޯ ވަނަނުދީ ސްޓޭޑިއަމުގެ އޮފިޝަލުންނާއި ކްލަބުގެ އޮފިޝަލުން ހިފެހެއްޓި އެވެ.

އެކަމަކު ފަހުން މޮރީނިއޯ ވަނީ އެ މައްސަލައިގެ ތެރެއަށް ހިހޫ ފެން އަޅައިފަ އެވެ. މޮރީނިއޯ ބުނީ ސާރީ އައިސް އެ މައްސަލަ ހައްލުކުރާނެ ކަމަށް ބުނި ކަމަށާއި އަދި އިއާނީ ވެސް އޭނާގެ ކިބައިން މައާފަށް އެދުނު ކަމަށެވެ.

"އަހަރެން އޭނާ ގާތު ބުނިން އެކަން ހަނދާން ނައްތާލާށޭ. އަހަރެންގެ ކެރިއަރުގައި ވަރަށް ގިނަ ގޯސްތަކެއް ހެދުނު،" މޮރީނިއޯ ބުންޏެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުގެ 21 ވަނަ މިނެޓުގައި ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ގޯލުން ޗެލްސީން ކުރި ހޯދި އެވެ. އޭގެ ފަހުން ޔުނައިޓެޑުން ފަހަތުން އަރައި ކުރި ހޯދީ ފްރާންސް ވިންގާ އެންތަނީ މާޝިއަލްގެ ދެ ގޯލުންނެވެ. އެކަމަކު އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ފަހު މިނެޓު ހިނގަމުން ދަނިކޮށް ބާކްލޭ ވައްދާލީ ގޯލާ އެކު ޔުނައިޓެޑުގެ ސަޕޯޓަރުންގެ ހިތްހަލާކުވި އެވެ.

މި މެޗުން މޮޅުވި ނަމަ އެއީ ޔުނައިޓެޑް ވެއްޓިފައިވާ ވަޅުގަނޑުން ތެދުވުމަށް ލިބޭނެ ބޮޑު ބާރަކަށްވީހެވެ. ދަށްކޮށް ސީޒަން ފެށުމުން މޮރީނިއޯގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ވެސް ހީވެފައިވަނިކޮށް ޔުނައިޓެޑުން ވަނީ އެންމެ ފަހުން ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑް އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެފަ އެވެ. އޭގެ މައްޗަށް މިއަދު ވެސް ތިން ޕޮއިންޓް ލިބުނު ޔުނައިޓެޑުގެ ސަޕޯޓަރުންނާއި ޑިރެކްޓަރުންގެ އިތުބާރު މޮރީނިއޯ އާއި ކުޅުންތެރިންނަށް ލިބުނީހެވެ. އެކަމަކު ލީގުގެ އެންމެ ފޯމުގައި އޮތް އެއް ޓީމު އަތުން ރަށުން ބޭރުގައި ޕޮއިންޓެއް ލިބުމަކީ މި ދަނޑިވަޅުގައި ޔުނައިޓެޑަށް ކާމިޔާބެކެވެ.

މޮރީނިއޯ ބުނީ ސްޓެމްފަޑް ބްރިޖުގައި މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށާއި މެޗު އެއްވަރުވުމަކީ ރަނގަޅު ނަތީޖާއެއް ކަމަށް، މެޗުގެ ކުރިން ބުނި ނަމަ ގަބޫލުކުރެވޭނެ ކަމަށެވެ. އެކަމަކު މެޗު ދިޔަ ގޮތުން ބަލާއިރު އެއްވަރުވުމަކީ ޔުނައިޓެޑަށް ދެރައެއް ކަމަށާއި އަދި މިއީ ޗެލްސީ އަށް ކާމިޔާބެއް ކަމަށް އޭނާ ބުންޏެވެ.

"ދަނޑު މަތީގައި މޮޅަށް ކުޅުނީ އަހަރެމެން. އަހަރެމެން އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ހަޒާޑާއި ޖޯޖީނިއޯ ކޮންޓްރޯލްކުރިން. މެޗު 2-1 ވީ ފަހުން އަހަރެމެންނަށް ތިން ވަނަ ލަނޑެއް ޖަހަން ފުރުސަތު ލިބުނު،" މޮރީނިއޯ ބުންޏެވެ.

ރެފްރީ މައިކް ޑީން އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓު ދިނުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ޔުނައިޓެޑުން މަސައްކަތްކުރީ ކުޅެން ކަމަށާއި ވަގުތު ބޭކާރުނުކުރާ ކަމަށެވެ.

ޗެލްސީގެ ކުރީގެ ކޯޗު މޮރީނިއޯއާ ޗެލްސީގެ ސަޕޯޓަރުން މިރޭ ދިމާކުރި އެވެ. މޮރީނިއޯ ޖަވާބު ދިނީ އިނގިލީގެ އިޝާރާތުން ތިނެއް ދައްކަމުންނެވެ. އެއީ އެ ޓީމަށް މޮރީނިއޯ ހޯދައިދިން ޕްރިމިއާ ލީގުގެ އަދަދެވެ. މޮރީނިއޯ ބުނީ ޗެލްސީ ސަޕޯޓަރުންގެ ފަރާތުން އިހުތިރާމް ނުލިބުމަކީ އޭނާގެ ޒިންމާގެ ދަށުގައި އޮތް ކަމެއް ނޫން ކަމަށެވެ.

މި ނަތީޖާއާ އެކު ޗެލްސީ ވަނީ 21 ޕޮއިންޓާ އެކު އެއް ވަނަ އަށް އަރައިފަ އެވެ. އެކަމަކު ދެ ވަނައިގައި 20 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ލިވަޕޫލް މިރޭ ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ ޗެލްސީ ތިނަކަށް ވެއްޓޭނެ އެވެ. ޔުނައިޓެޑް އޮތީ 14 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.