11 އޯގަސްޓް 2016 - 14:07

ވޮޝިންޓަން (އޮގަސްޓް 11) - އެމެރިކާގެ ރައީސް ކަމަށް ހިލަރީ ކްލިންޓަން ވަޑައިގަތުން ހުއްޓުވުމަށް އެމެރިކާގައި ބަޑި ގެންގުޅުމުގެ ހުއްދަ އޮތް މީހުން މަސައްކަތް ކުރަން ޖެހޭ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމަކީ ކަނޑައެޅިގެން އަނިޔާވެރި ކަމަށް ހިތްވަރު ދިނުން ކަމަށް ހިލަރީ ވިދާޅުވެއްޖެ އެވެ.
އަޔޯވާގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ ބުނެވޭ ބަހަކީ ވަރަށް ނުރައްކާ އެއްޗެއް ކަމަށާއި އޭގެ ނަތީޖާ ވެސް ވަރަށް ގޯސްވެދާނެ ކަމަށެވެ. ޓްރަމްޕަކީ ވެރިކަމަށް ކުފޫ ހަމަވާ މީހެއް ނޫން ކަމަށް ހިލަރީ ވަނީ ވިދާޅުވެފަ އެވެ.
ހިލަރީ ވެރިކަމަށް ވަޑައިގަތުން ހުއްޓުވަން ބަޑި ގެންގުޅުމުގެ ހުއްދަ އޮތް މީހުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޓަރްމަޕް ވިދާޅުވުމުން ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެއް ބަޔަކު ސިފަކޮށްފައި ވަނީ މިއީ ހިލަރީ އަވަހާރަކޮށްލަން ޓްރަމްޕް ހިތްވަރު ދިނުން ކަމަށެވެ.
ނޯތު ކެރޮލީނާގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ ހިލަރީ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ސްޕްރީމް ކޯޓަށް އަންނާނީ މުޅިން ވެސް ލިބެރަލް ފަނޑިޔާރުން ކަމަށާއި ބަޑި ގެންގުޅުމުގެ ހުއްދަ އޮތް މީހުންގެ ހައްގުތަކަށް އެ މީހުން ހުރަސް އަޅާނެ ކަމަށެވެ. އެހެންވެ ބަޑި ގެންގުޅުމުގެ ހުއްދަ އޮތް މީހުން ވިސްނުމަށް ޓްރަމްޕް ވަނީ ގޮވާލައްވައިފަ އެވެ.
ޓްރަމްޕުގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ މިއީ އަނިޔާވެރި ކަމަށް ޓްރަމްޕް ހިތްވަރު ދިނުން ކަމަށް ބުނެފަ އެވެ. އެކަމަކު ޓްރަމްޕް ވަނީ ފާޑު ކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ބޭނުންވީ ބަޑި ގެންގުޅޭ މީހުން އެއްގަލަކަށް އަރުވާ އެ މީހުންގެ ވޯޓު ހިލަރީ އަށް ނުލިބޭނެ ގޮތް ހެދުން ކަމަށެވެ.