12 އޯގަސްޓް 2016 - 08:12

ލަންޑަން (އޮގަސްޓް 12) - އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މެންޗެސްޓާ ޔުނައިޓެޑުންނާއި މެންޗެސްޓާ ސިޓީން ކުޅުންތެރިން ގަތުމަށް ބޮޑު ހަރަދުކޮށްފައިވުމުން އާސެނަލްގެ މިޑްފީލްޑަރު މެސުޓް އޮޒިލް އެ ދެ ޓީމަށް ތައުރީފް ކޮށްފި އެވެ.
ސިޓީން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އަށް ކުޅުންތެރިއަކު ގެނެސްފަ އެވެ. އޭގެ ތެރޭގައި އިލްކާއި ގުންޑޮގަން، ލިރޯއި ސާނޭ، ނޮލީޓޯ އަދި ޖޯން ސްޓޯންސް ހިމެނެ އެވެ. ޔުނައިޓެޑުން ވަނީ ދުނިޔޭގެ ރެކޯޑް އަގަކަށް ޕައުލް ޕޮގްބާގެ އިތުރުން ޒަލަޓަން އިބްރަހިމޮވިޗާއި އެރިކް ބެއިލީ އަދި ހެންރިކް މިކިތާރްޔަން ގަނެފަ އެވެ.
"ވާދަވެރި ޓީމުތައް މި އަންނަނީ ވަރުގަދަ ކުރަމުން. ސިޓީ އާއި ޔުނައިޓެޑުން މި ވަނީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފައި. އެ ދެ ކްލަބު ލީގުގައި އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ. އިތުރު ކުޅުންތެރިން ގަތުމަށް އެ ޓީމުން ކުރި ހަރަދުގެ ބަދަލު ކުޅުމުން ފެންނާނެ،" އޮޒިލް ބުންޏެވެ.
އޮޒިލް ބުނީ ޖަރުމަނު ލީގުން ސިޓީ އަށް އައި ދެ ކުޅުންތެރިން ކަމަށްވާ ސާނޭ އާއި ގުންޑޮގާން އަށް ސިޓީފައި ތަފާތު ދެއްކޭނެ ކަމަށެވެ.
"އަހަރެން އެންމެ ހިތްހަމަޖެހެނީ ގުންޑޮގާން އާއި ސާނޭއާ މެދު. މި ދެ ކުޅުންތެރިންނަކީ ޕްރިމިއާ ލީގުގައި ތަފާތު ދެއްކޭނެ ދެ ކުޅުންތެރިން،" އޮޒިލް ބުންޏެވެ.
އާސެނަލުން ވަނީ ސްވިޒަލެންޑުގެ މިޑްފީލްޑަރު ގްރޭނިޓް ޝަކާ ގަނެފަ އެވެ. އޮޒިލް ބުނީ ޝަކާ އަކީ އާސެނަލް ކުޅޭ ސްޓައިލުގެ ކުޅުންތެރިއެއް ކަމަށެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަނުގައި އާސެނަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ.