21 އޮކްޓޯބަރ 2018 - 07:43

މަހޭޝް ބަޓް، 70، އަކީ ބޮލީވުޑުން ފެނުނު އެންމެ ހުނަރުވެރި އަދި ކާމިޔާބު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ ސީރިއަސް ފިލްމުތަކެއްގެ އިތުރުން ތަންކޮޅެއް ލައިޓް-ހާޓެޑް ފިލްމުތަކެއް ވެސް ގެނެސް ދީފަ އެވެ.
މީގެ 22 އަހަރު ކުރިން ފިލްމު ޑައިރެކްޓްކުރުން ބަޓް ހުއްޓައިލި އިރު އޭނާގެ ކްރެޑިޓްގައި ވަރަށް ވެސް ފާހަގަކޮށްލެވޭ ރީތި އަދި މޮޅު ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އާތު (1982) ސާރަންޝް (1984)، ނާމް (1986)، އާޝިގީ (1990)، ދިލް ހޭ ކީ މާންތާ ނެހީ (1991) ، ހަމް ހެ ރަހީ ޕިޔާރު ކޭ (1993)، ގުމްރާހް (1993) އަދި ޒަހަމް (1999) ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ބަޓް ފިލްމު ޑައިރެކްޓް ކުރުން ހުއްޓައިލުމަށް ފަހު އާއިލީ ފިލްމު ކުންފުނި ވިޝޭޝް އިން ފަހުން ވެސް ވަނީ ވަރަށް ކާމިޔާބު ފިލްމުތަކެއް ހަދައިފަ އެވެ. އޭގެ ތެރޭގައި "ރާޒް" އާއި "މާޑާ" އާއި "އާޝިގީ" ފްރެންޗައިޒްގެ ފިލްމުތައް ހިމެނެ އެވެ.
ނަމަވެސް މި ފަހުން ވިޝޭޝް އިން ހެދި ގިނަ ފިލްމުތަކެއް ޕްލޮޕްވެފައިވާ އިރު، އެންމެ ފަހުގެ ބޮޑު ހިޓަކީ 2013 ގައި ރިލީޒް ކުރި "އާޝިގީ 2" އެވެ.
ބަޓް ޕްރޮޑިއުސްކޮށް، ވިޝޭޝް އިން އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މި މަހުގެ 12 ގައި ރިލީޒް ކުރި ފިލްމު "ޖަލޭބީ" އެވެ. މިއީ ބަލާނެ ބަޔަކު ނުވެގެން، ސިނަމާތަކުގައި ފްލޮޕް ބޯޑް އަޅުވަން ޖެހުނު ފިލްމެކެވެ.
މި ހިތްދަތި ތަޖުރިބާ ކުރި ބަޓްގެ ވަފާތެރި ފޭނަކު ބޮލީވުޑް ހަންގާމާ އަށް ފޮނުވި ހުޅުވައިލެވިފައިވާ ސިޓީއެއްގައި ވަނީ ބަޓަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި މި ފަހުން ބަޓް ގެނެސްދޭ ފިލްމުތަކާ ދޭތެރޭ ދެކޭ ގޮތް ވަރަށް ތަފުސީލުކޮށް ކިޔައި ދިނުމަށް ފަހު އަލުން "ޓްރެކަށް" ރުޖޫއަށްވުމަށް އެދިފަ އެވެ.
އެ ސިޓީގައި އޭނާ ފާހަގަ ކުރި ގޮތުގައު "ޖަލޭބީ" ކަހަލަ ފިލްމުތަކަކީ ބަޓް ޕްރޮޑިއުސްކޮށްގެން ވާނެ ކަހަލަ ފިލްމުތަކެއް ނޫނެވެ. ސަބަބަކީ ފިލްމުގައި އެއްވެސް އޮއްޓަރެއް ނެތުމާ އެކު ފިލްމު ހަމަ ވަރަށް ބޮޑަށް ވެސް ފީކަޅާވުމެވެ.
އެހެންވެ އެ ފެންވަރުގެ ފިލްމު ބަޓްގެ އަތުން ދޫވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. އޭނާ އަދި ފާހަގަ ކުރި ގޮތުގައި މިސްޓަ އެކްސް (2015) އާއި ހާމޯޝިޔާން (2015) އަދި ލަވް ގޭމްސް (2016) ފަދަ ފިލްމުތަކަކީ ބަޓްގެ ފެންވަރެއް ނޫނެވެ. އެކަހަލަ ފިލްމުތަކާ ދުރުވާން ޖެހެ އެވެ.
"އަހަރެން ވަރަށް ހައިރާންވި އެއްވެސް ލޮޖިކެއް ނެތް ތާކުން ކުރެ ތާކު ނުޖެހޭ ޖަލޭބީ ބަޓް ބެލުންތެރިންނަށް ދޫކޮށްލީތީ. އެއީ ކިހިނެއްވީ ކަމެއްތޯ ވެސް ބަލަން ބޭނުންވޭ. ބަޓްގެ ފިލްމެއް ނަމަ އެ ފިލްމަކީ ކޮންޓެންޓްގެ ގޮތުންނާއި ފެންވަރުގެ ގޮތުން ވެސް މޮޅު ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން އަބަދު ވެސް އޮވޭ،" ފޭނުގެ ދިގު ސިޓީގައި ބުންޏެވެ. "އެކަމަކު ޖަލޭބީއަކީ ބަޓް ޕްރޮޑިއުސް ކުރި ފިލްމެކޭ ބުނާ ވަރަށް ވުރެ ފެންވަރަށް ދަށް ފިލްމެއް. މިއީ ބޮޑު މާޔޫސީއެއް. އަހަރެން ދޭން އޮތްހާ ވެސް ނަސޭހަތަކީ ފީކަޅާ ފިލްމްތައް ގެނެސް ދީގެން ބަޓްގެ އިމޭޖް ހަރާބު ނުކުރާށޭ."
އޭނާ ބުނި ގޮތުގައި ބަޓްގެ ފިލްމް ކުންފުނިން މި ފަހުން ގެނެސް ދިން ގިނަ ފިލްމުތައް ކަމުނުދާން މެދުވެރިވާ ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އެގޮތުން ކުޅަދާނަ ތަރިންނަށް ފިލްމުތަކުން ފުރުސަތު ނުދިނުމާއި ރީތި ލަވަތައް ވެސް ފިލްމުތަކުން މިހާރު ނީވުން ހިމެނެ އެވެ.
ބަޓްގެ ކޭމްޕަކީ އަބަދު ވެސް އެ ކުންފުނީގެ ފިލްމުތަކުގައި ޖާދޫއެއް ކަހަލަ ލަވަތައް ހިމެނޭ ފިލްމުތަކެވެ. އޭގެ ތެރޭގައި ވަކިން ހާއްސަކޮށް "އާޝިގީ" އާއި "އާޝިގީ 2" އަކީ އަދިވެސް އަހައި ފޫހި ނުވާ ކަހަލަ ހިތްގައިމު ލަވަތައް ހިމެނޭ ފިލްމުތަކެވެ.
"މި ފަހުން އަހަންނަށް ފާހަގަ ކުރެވުނު އެއް ކަމަކީ ބަޓް މި ފަހުން ގެނެސް ދިން ހުރިހާ ފިލްމުތަކެއްގައިހެން އާޝީގީ ދޭއްގައި ހިމެނޭ ލަވަތައް ކަހަލަ ލަވަތައް ގެނެސް ދޭން މަސައްކަތްކޮށްފައި ހުރިކަން،" އޭނާ ބުންޏެވެ.
އެހެންވެ އާ މިއުޒިކް ޑައިރެކްޓަރުންނާއި އާ ޅެންވެރިންނަށާއި އާ ލަވަކިޔުންތެރިންނަށް ފުރުސަތު ދީގެން ތަފާތު މަސައްކަތްތަކެއް ކުރުވަން ޖެހޭ ކަމަށް ބުންޏެވެ. ހަމަ އެގޮތަށް ރީތި އަދި މޮޅު ފިލްމުތަކެއް ބަޓްގެ ތައްގަނޑުގައި ގެނެސް ދޭން ބޭނުން ނަމަ ކުރިން ވެސް ބަޓަށް ކާމިޔާބު ފިލްމުތަކެއް ހަދައި ދިން އަނޫރާގް ބާސޫ އާއި މޯހިތު ސޫރީ އާއި ހެންސަލް މެހެތާ ފަދަ ޑައިރެކްޓަރުން ވިޝޭޝްގެ ކުޑައިގެ ދަށަށް ގެންނަން ޖެހޭ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
"އަނެއް ކަމަކީ ސްޓާރުންނާ އެކު ފިލްމުތައް ގެނެސް ނުދޭން ގެންގުޅޭ އުސޫލު ދޫކޮށްލައި ކާމިޔާބު އަދި މޮޅު ތަރިުންތަކެއް ލައިގެން ފިލްމުތައް ގެނެސް ދިނުން މުހިއްމުކަން،" ފޭނުގެ ސިޓީގައި ބުންޏެވެ.
ސިޓީ ނިންމައިލަމުން އޭނާ ބުނީ "އަހަރެންގެ ވާހަކަ ތަންކޮޅެއް ހަރުކަށި ކަމަށް ސިފަ ކުރެވޭ ނަމަ މައާފަށް އެދޭ" ކަމަށެވެ. އަދި މި ވާހަކަތަކީ ބަޓް ދެކެ ވަރަށް ލޯބިވާ ފޭނެއްގެ ހައިސިއްޔަތުން ފާޅު ކުރި ޝުއޫރުތަކެއް ކަމަށް ބުންޏެވެ.
"އަދި ބާވީސް އަހަރު ފަހުން ސަޅަކްގެ ދެވަނަ ބަޔާ އެކު ޑައިރެކްޝަނަށް އެނބުރި އަންނާތީ އެކަމަށް މަރުހަބާ ކިޔަން. އަދި އެ ފިލްމާ އެކު ބަޓް އަލުން ޓްރެކަށް ރުޖޫއަ ވާނެ ކަމަށް ވެސް ގަބޫލު ކުރަން،" އޭނާ ބުންޏެވެ. "ދެހާސް ވިހީގައި އަހަރެން އެންމެ އިންތިޒާރު ކުރާނެ ފިލްމަކީ ވެސް އެއީ. ފިލްމަށް ކުރެވޭ އުންމީދުތައް ބޮޑު."
މާޗް، 25، 2020 ގައި ރިލީޒް ކުރަން ނިންމާފައިވާ "ސަޅަކް 2" ގެ ތަރިންނަކީ ބަޓްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓް އާއި ހަގު އަންހެން ދަރިފުޅު އާލިއާ ބަޓް އާއި ސަންޖޭ ދަތުގެ އިތުރުން އަދިތިޔާ ރޯއި ކަޕޫރެވެ. މިއީ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޑައިރެކްޓަރު 1991 ގައި ގެނެސް ދިން "ސަޅަކް" ގެ ދެވަނަ ބައެވެ.