ކޮލިފައިނުވި ނަމަވެސް ބޮޑު ޓީމުތަކަށް ޖާގަ ދޭން ވިސްނަނީ
ކޮލިފައިނުވި ނަމަވެސް ބޮޑު ޓީމުތަކަށް ޖާގަ ދޭން ވިސްނަނީ

ޔޫރަޕުގެ ބޮޑު ޓީމުތަކަށް ޖާގަ ލިބޭ ގޮތަށް ޗެމްޕިއަންސް ލީގުގެ ކޮލިފައިން ފޯމެޓަށް ބޮޑު ބަދަލެއް ގެންނަން ޔުއެފާ އިން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔޫރަޕުގެ ބައެއް ވަރުގަދަ ޓީމުތައް ކޮލިފައިނުވާތީ، އެ ޓީމުތައް ހިމަނައިގެން ޔޫރަޕިއަން ސުޕަ ލީގެއް ތައާރަފްކުރުމަށް މަސައްކަތްކުރަމުން އަންނަ އިރު ޔުއެފާ އިން ބޭނުންވަނީ އެކަން ހުއްޓުވާލާށެވެ. އެހެންވެ ޔުއެފާ އިން ވިސްނަނީ ކޮލިފައިވިނުވި ނަމަވެސް، ބޮޑު ޓީމުތަކަށް ފުރުސަތު ދޭށެވެ.

އެގޮތުން އިންގްލެންޑް، އިޓަލީ، ސްޕެއިން އަދި ޖަރުމަން ލީގުގެ ގަދަ ތިން ޓީމަށް ޖާގަ ދިނުމަށް ފަހު ހަތަރު ވަނަ ޖާގަ، ދޭނީ މުބާރާތުގައި ކުރިން ބޮޑު ކާމިޔާބީ ހޯދާފައިވާ ޓީމަކަށެވެ. އެހެން ހަދައިފި ނަމަ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލާއި އިޓަލީގެ އޭސީ މިލާނާއި އިންޓަ އާއި ޔުވެންޓަސް އާއި ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕެއިނުގެ ރެއާލް މެޑްރިޑް އަދި ބާސެލޯނާ އަބަދުވެސް މުބާރާތުގައި އޮންނާނެ އެވެ.

ކޮލިފައިނުވުމުގެ ސަބަބުން މި ފަހަރުގެ މުބާރާތުން ޔުނައިޓެޑާއި ލިވަޕޫލާއި ޗެލްސީ އާއި މިލާނާއި އިންޓަ ނުފެންނާނެ އެވެ. މި ކްލަބްތައް ވަނީ 19 ފަހަރު މުބާރާތް ހޯދައިފަ އެވެ.

ސްޕެއިނުގެ ކްލަބްތަކުގެ ތެރެއިން ޔޫރަޕުގައި އެންމެ ކާމިޔާބު ތިން ޓީމު ކަމަށްވާ ބާސެލޯނާ އާއި ރެއާލާއި އެތުލެޓިކޯ މެޑްރިޑަށް ލީގުގެ ގަދަ ޓީމުގެ ހައިސިއްޔަތުން އާއްމުކޮށް ފުރުސަތު ލިބޭތީ، ހަތަރު ވަނަ ޖާގަ ލިބޭނެ ކަމަށް ބެލެވެނީ ޔުއެފާ ކަޕާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފައިވާ ވެލެންސިއާ އަށެވެ.