ފަތްޖަހައިލެވޭ ބޮތްކެއް
ފަތްޖަހައިލެވޭ ބޮތްކެއް

ކަރަންޓު ނެތި ހޭދަކުރަންޖެހޭނެ ވަގުތަކަށް އެންމެ ކަމުދާނެ އެއް ބޮތްކަކީ ކުވިންއެވެ.

ފަތްޖަހައިލެވޭ ބޮތްކެއް
ފަތްޖަހައިލެވޭ ބޮތްކެއް

ކުވިންއަކީ ސޯލައިޓް ކުންފުނީގެ އުފެއްދުމެކެވެ. އަވިންނާއި އަލިންނާއި ކަރަންޓުން ޗާޖުކުރެވޭ ބޮތްކެކެވެ. ޖަޕާންގެ ސަގާފަތުގައި ހިމެނޭ ކަރުދާހު ފަތްޖެހުން ނުވަތަ އޮރިގަމީއިން ޚިޔާލު ހޯދައިގެން އުފައްދާފައިވާ މި ބޮކީގެ އެންމެ ޚާއްސަ ކަމަކީ ރައްކާކުރަން ވުމުން ރީތިކޮށް ފަތްޖަހާލެވޭ ކަމެވެ. ބޭނުންކުރަންވީމާ، ދެފަރާތުގައިވާ ހިފާ ބޭނުން މިންވަރަކަށް ހުޅުވާލަންވީއެވެ. ދެބައިކުޅަ އެއްބަޔަށް ހުޅުވާލިޔަސް ފުދޭނެއެވެ.

އެވަރަށް ނިއުޅާލުމުން ފެންނާނީ ސިޑްނީ އޮޕެރާ ހައުސްގެ ބައްޓަމެވެ. އެއްކޮށް ނިއުޅާލުމުން ރީތި ބައްޓަމަކަށް ހުޅުވޭނެއެވެ. ބޭނުންނަމަ މީގެ އަތްގަނޑުގެ ގޮތުގައި ހިފާލެވެން އޮންނަ ދެ ވާފަށުގެ އެހީގައި ގަހެއްގައި އެލުވާލެވޭނެއެވެ. ފޭލިގެ ޖަހައިގެން އުޅޭނަމަ، ފޭލިގޭ ތެރޭގައި ވެސް މި ބައްތި އަޅުވާލެވޭނެއެވެ.

ކުވިން ބޮތްކަކީ އަވިން ހަކަތަ ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ ބޮތްކެކެވެ. އެކަމަކު ދުވާލު 8 ގަޑިއިރު ވަންދެން އިރުގެ ސީދާ އަލިކަން މިއަށް ބޭނުންވެއެވެ. ވިލާ ބޯ ދުވަހެއް ނަމަ 12 ގަޑިއިރުން ނޫނީ ފުރިހަމައަށް ޗާޖެއް ނުވާނެއެވެ. ގޭގައި ބޭނުންކުރާ ނަމަ، ނުވަތަ ކަރަންޓުގެ ވަސީލަތް ލިބެން ހުރި ތަނެއްގައި ނަމަ މައިކްރޯޔޫއެސްބީ ޕޯޓަށް ޖަހާ ވާކޮޅަކުން މިއަށް ކަރަންޓު ހޯދޭނެއެވެ. މި ބޮތްކަކީ މީގެ ޒާތުގައި އަމިއްލަ ޕަވަ ބޭންކެއްވެސްމެއެވެ. ފޯނު ޗާޖުކުރަން މި ބޮކި ބޭނުންކުރެވޭނެއެވެ. ފުރިހަމައަށް ޗާޖު ހުރި ނަމަ ދެ ފޯނު ޗާޖުކުރެވޭހާ ބާރު، މި ބޮކީގައި ހުންނާނެއެވެ.

ފުރިހަމަ ޗާޖުގައި މެދުނުކެނޑި 48 ގަޑިއިރުވަންދެން ކުވިން ބޮކީގެ އަލި ދެމެހެއްޓޭނެއެވެ. އެކަމަކު އަލިކަން ހުންނަނީ 45 ލޫމެން އާއި 320 ލޫމެންއާ ދެމެދުގެ މިންވަރަށެވެ. މިއީ އާންމުކޮށް ބޭރުތެރޭ އުޅޭއިރު ދިއްލާ ބައްތިއަށްވުރެ ފަނޑު އައްޔެކެވެ. އެކަމަކު ފޮތެއް ކިޔާލެވޭ ވަރުގެ އަލިކަން ހުންނާނެއެވެ.

ވިއްސާރައިގައި ވިޔަސް ބޭނުންކުރެވޭ ގޮތަށް މި ބޮކި ފަރުމާކޮށްފައިވަނީ ވަރުގަދަ ރިޔާ ފޮއްޗަކުންނެވެ. ކުވިން ބޮކި އުފެއްދި ސޯލައިޓް ކުންފުނިން ބުނާ ގޮތުގައި މި ފޮތީގެ ވަރުގަދަކަމުން ފަސޭހައިން ވީދައިގެން ދިޔުމުގެ ފުރުސަތު ވެސް ވަރަށް ކުޑައެވެ.

މިވަގުތު ކުވިން ބޮކި ވިއްކަނީ ބޮތްކެއް 65 އެމެރިކާ ޑޮލަރަށެވެ. ދެ ބޮކި ގަންނަ ނަމަ 110 ޑޮލަރަށެވެ. ސޯލައިޓް ކުންފުނިން ބުނާ ގޮތުގައި މި ދުވަސްވަރު ހިންގާ ޚާއްސަ ޕްރޮމޯޝަންގެ ދަށުން ވިކޭ ކޮންމެ ބޮތްކަކަށް ބޮތްކެއް، އިންޑޮނީޝިޔާ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ހަދިޔާކުރާނެއެވެ.