19 އޮކްޓޯބަރ 2018 - 22:28

އިސްތަންބޫލް (އޮކްޓޯބަރު 19) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ހަށިގަނޑު ފެނޭތޯ ޖަންގަލިތެރެ ބެލުމުގެ މަސައްކަތް ތުރުކީގެ ތަހުގީގު ޓީމުން ފަށައިފި އެވެ.
ނަން ހާމަކުރަން ނޭނދޭ ތުރުކީގެ އޮފިޝަލުން ބުނެފައި ވަނީ ނޫސްވެރިޔާގެ ހަށިގަނޑު، ކައިރީގައިވާ ބެލްގްރޭޑް ޖަންގަލި ނުވަތަ ދަނޑަކަށް އެއްލާލައިފާވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ ނޫސްވެރިޔާ ގެއްލުނު ދުވަހު ޑިޕްލޮމެޓިކް ބައެއް ވެހިކަލްތައް އެ ސަރަހައްދުން ދަތުރުކުރި ކަމަށް ބައެއް ނޫސްތަކުން ބުނެފައިވާތީ އެވެ.
ޚާޝުގްޖީ ގެއްލުނީ މި މަހު 2 ވަނަ ދުވަހު ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ. ތުރުކީން ތުހުމަތު ކުރަނީ ކޮންސިއުލޭޓް ތެރޭ އޭނާ މަރާލުމަށް ފަހު ހަށިގަނޑު އެއްލާލީ ކަމަށެވެ. ނޫސްވެރިޔާ މަރާލި ކަމަށް ބުނާ ވާހަކަތައް ސައުދީން ދޮގު ކުރެ އެވެ.
ތުރުކީގެ ތަހުގީގު ޓީމުން މި ހަފުތާގައި ވަނީ ކޮންސިއުލޭޓް ތެރެއިންނާއި ކޮންސުލްގެ ގެއިން ސާމްޕަލް ނެގުމަށް ފަހު ޚާޝުގްޖީގެ ޑީއެންއޭއާ ދިމާވޭތޯ ޓެސްޓް ކޮށްފަ އެވެ. އަނެއްކޮޅުން ސައުދީ ކޮންސިއުލޭޓުގައި މަސައްކަތް ކުރާ ތުރުކީ ރައްޔިތުންނާ މިހާރު ދަނީ ސުވާލު ކުރަމުންނެވެ. އޭގެ ތެރޭގައި ކޮންސިއުލޭޓް ޑްރައިވަރާއި ރިސެޕްޝަނިސްޓުންނާއި ޓެކްނީޝަނުން އަދި އެކައުންޓެންޓުން ހިމެނެ އެވެ.