ބީއެމްއެލްއަށް 269 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
ބީއެމްއެލްއަށް 269 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 269.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އާއްމުކުރި މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު، ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 10 ޕަސެންޓު އިތުރުވެފަ އެވެ. މިއީ، މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ ބަލާއިރު 11 ޕަސެންޓުގެ ކުރިއެރުމެކެވެ. ޓެކްސް އަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓަރުގެ ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބުނެވެ. ޓެކްސް އަށް ކެނޑުމުގެ ކުރިން މި ފަހަރު ވަނީ ފައިދާގެ ގޮތުގައި 360.8 މިލިޔަން ރުފިޔާ ލިބިފަ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، ތިން ވަނަ ކުއާޓަރުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި 609.6 މިލިއަން ރުފިޔާ ލިބުނެވެ. ދެވަނަ ކުއާޓަރުގެ އާމްދަނީ އަކީ 600.9 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލް އިން ބުނީ، ފަންޑިން ކޯސްޓް ބޮޑުވި ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުން ވެސް ކުރިއެރުން ލިބި، އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން މާލީ ނަތީޖާ ލަފާކުރި މިންވަރަށް ވުރެ ރަނގަޅު ކަމަށެވެ. އެގޮތުން، ހިންގުމުން ލިބުނު ފައިދާ 2017 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ނުވަ ޕަސަންޓު އިތުރު ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން، އުފެއްދުންތެރި ނޫން ލޯނުގެ އަދަދު 40 މިލިއަން ރުފިޔާ އަށް ދަށް ކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި، ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ހިފެހެއްޓިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްްއެލްއަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 30 ޕަސަންޓު ޚަރަދު ކުރަނީ މުޖުތަމައަށާއި ޓެކްނޮލޮޖީއާ ގުޅޭ އިންވެސްޓްމެންޓުތަކަށެވެ.

ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ފަންޑިން ޚަރަދުތަކާއި އިންވެސްޓްމެންޓު އިތުރުވަމުން ދިޔަ ނަމަވެސް ވިޔަފާރީގައި ލިބެމުން އަންނަ ކުރިއެރުންތަކާ އެކު ހަރުދަނާ މާލީ ނަތީޖާއެއް ބީއެމްއެލްއަށް ހާސިލް ކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބީއެމްއެލްއިން ވަނީ ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބޭންކިން ސެންޓަރު، އޭޓީއެމް، ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ވެސް ގާއިމް ކޮށްފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.