11 އޯގަސްޓް 2016 - 13:01

ތ. މަޑިފުށީގައި މިއަދު ދޯންޏެއް އެހެލަން އުޅެނިކޮށް، ވިންޗު ކަނޑައިގެން ގޮސް ތިން މީހަކަށް އަނިޔާވެ އޭގެ ތެރެއިން އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ހެނދުނު 11:00 ހާއިރު ހިނގި ހާދިސާގައި ޒަހަމް ވީ ތިން ދިވެހިންނެވެ. އެ އެންމެންނަށް އެކިވަރުގެ ބޮޑެތި އަނިޔާތައް ލިބިފައި ވާއިރު، އެކަކަށް ވަރަށް ބޮޑަށް އަނިޔާވެ މިހާރު އޮތީ ސީރިއަސް ހާލަތުގައި ކަމަށް ފުލުހުން ބުންޏެވެ.
މަޑިފުށީ ކައުންސިލްގެ މެމްބަރު އަހުމަދު ނަސީމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ވިންޗުން ޖެހި އެކަކުގެ ކުޑަހުޅު ވަނީ އެއްކޮށް ޗިސްވެ، ކަށިގަނޑު ބޭރަށް ނުކުމެފަ އެވެ. އަނެއް ދެ މީހުން ވިއްސައިގެން ގޮސް ހޮޅިދަނޑިއެއްގައި ޖެހި، އޭގެ ތެރެއިން އެކަކުގެ ކޮނޑުކަށިގަނޑު ބިންދައިގެން ދިޔައިރު، އަނެއް މީހާގެ މައިބަދަ ބިންދައިގެން ގޮސްފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.
"އެއީ 19 އަހަރާއި 21 އަހަރާ ދެމެދުގެ ކުދިން،" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަށެއްކަ މީހުން ވެގެން އެހެލަން އުޅުނީ 85 ފޫޓު ހުންނަ ދޯންޏެކެވެ. ކުރިން ފެރީ ދަތުރުތަކުގައި ބޭނުން ކުރި އެ ދޯނި މާލޭން ގަނެގެން ރަށަށް ގެންގޮސް، މިހާރު ވަނީ މުދާ އުފުލާ ދޯންޏަކަށް ބަދަލުކޮށްފައި ކަމަށް ނަސީމް ވިދާޅުވި އެވެ.
މި ހާދިސާގައި ޒަހަމްވި ތިން މީހުންނަށް މަޑިފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް ވޭމަންޑޫ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފުލުހުންނާއި އާއިލާ ގުޅިގެން އަންނަނީ ކުރަމުންނެވެ. އިރުކޮޅެއްގެ ތެރޭގައި ވޭމަންޑޫ އަށް ގެންދިއުމަށް ފުލުހުންގެ ލޯންޗެއްގައި ދަތުރު ފަށާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.