ތަރުހީބު ނުލިބުމުން ގައުމީ އެތުލެޓިކްސް މުބާރާތުން އަންހެން ބައި އުނިކޮށްފި
ތަރުހީބު ނުލިބުމުން ގައުމީ އެތުލެޓިކްސް މުބާރާތުން އަންހެން ބައި އުނިކޮށްފި

އަންނަ ބުރާސްފަތި ދުވަހު ފަށާ ގައުމީ އެތުލެޓިކްސް މުބާރާތުގައި ހިމެނޭ އަންހެން 14 އިވެންޓުގައި ވެސް މަދުވެގެން ތިން ޓީމު ބައިވެރިވެފައިނުވާތީ މުބާރާތުން އަންހެން ބައި އުނިކޮށްފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އިވެންޓެއްގައި ތިން ޓީމު ވާދަނުކުރާ ނަމަ އެ އިވެންޓް ކެންސަލްވާނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަށާއި މުބާރާތުގެ ހުރިހާ އަންހެން އިވެންޓެއްގައި ވެސް ބައިވެރިވެފައިވަނީ ތިން ޓީމަށް ވުރެ މަދުން ކަމަށެވެ.

"މިއީ ނެޝަނަލް ޗެމްޕިއަންޝިޕަށް ވާއިރު ދެ އެތުލީޓުން ލައިގެން އިވެންޓެއް ގެންދިއުން އެއީ މުބާރާތުގެ ހައިބަތު ވެސް ގެއްލޭނެ ކަމެއް. އިވެންޓެއްގައި ތިން ޓީމަށް ވުރެ މަދުން ބައިވެރިވެފައިވާ އިވެންޓްތައް ކެންސަލް ކުރީމާ އަންހެން ބައި އެއްކޮށް އުނިވީ،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ސަބަބުން އެސޯސިއޭޝަނަށް ވެސް ގައުމީ އެތުލީޓުންނަށް ވެސް ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ގައުމީ އެތުލީޓުންނަށް ވާދަވެރި މުބާރާތެއްގެ އިތުރުން މި ގެއްލުނީ ގައުމީ ފެންވަރުގެ އެންމެ ބޮޑު މުބާރާތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ތޮލާލް ވިދާޅުވީ ކްލަބްތަކުން އަންހެން އެތުލީޓުން ބައިވެރިނުކުރުން މިއީ ސުވާލު އުފައްދަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެސޯސިއޭޝަނުން ނެޝަނަލް އެތުލީޓުން ޓީމުތަކާ އެފިލިއޭޓްކޮށްގެން މުބާރާތުގައި ބައިވެރިކުރި ކަމަށާއި އެކަމަކު ވެސް ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދަށް ޓީމުތައް ހަމަނުވި ކަމަށެވެ.

އެކަން ދިމާވި ސަބަބުތައް ބަލަމުން އަންނަ ކަމަށާއި އަދި ދެން ކުރިއަށް ދާނެ ގޮތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ބައެއް ކްލަބްތަކަށް ވެސް އަންހެން ބައިގައި ބައިވެރިނުވެވު އެއް ސަބަބަކީ މިއީ އޯލެވެލް އިމްތިހާނާއި ސްކޫލްތަކުގެ ޓާމް ޓެސްޓް ދުވަސްވަރަށް ވުމުން އެތުލީޓުން ލިބޭ ގޮތް ނުވުމުންނެވެ.

މިދިޔަ މަހު އައްޑޫ ސިޓީގައި އެސޯސިއޭޝަނުން ބޭއްވި ނެޝަނަލް ގްރޯން ޕްރީ މުބާރާތުގެ ކޮންމެ އިވެންޓެއްގައި ވެސް އަށް އަންހެން އެތުލީޓުން ބައިވެރިވި އެވެ.