20 އޮކްޓޯބަރ 2018 - 08:39

ލަންޑަން (އޮކްޓޫބަރު 20) - ރެއާލް މެޑްރިޑަށް ބަދަލުނުވެވިއްޖެނަމަ މިހާރުގެ ކްލަބް ޗެލްސީގައި ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ފުރުސަތު އެބައޮތް ކަމަށް ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ހަޒާޑް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އޭރު ޗެލްސީން ކިޔާ އަގުބޮޑުވުމުން ރެއާލުން ވެސް ގަންނަން ބޭނުންނުވި އެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗުކަމާ މަައުރީޒިއޯ ސާރީ ހަވާލުވިއިރު، އޭނާ އޮތީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަޒާޑް ނުވިއްކަން އަންގައިފަ އެވެ.
ދާދި ފަހުން ހަޒާޑް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ރެއާލަށް ބަދަލުވުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އެކަމަކު އެ ޓީމަށް ދާނީ މިހާރު ކުޅެމުން އަންނަ ޗެލްސީގެ ކްލަބް ބޭނުންވާ ގޮތަށް ކަމަށް ވެސް އޭރު ބުންޏެވެ.
ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ ވަކި ކަންތައްތަކެއް ހާސިލްކުރަން މަޖުބޫރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
"އަހަރެން އެންމެ ފުރަތަމަ ފްރާންސްގެ ލިއްލޭގައި ހުރިއިރު ބޭނުންވީ އިންގްލެންޑަށް އަންނަން ޕްރިމިއާ ލީގަކީ ވަރަށް ވަރުގަދަ ލީގަކަށްވީމަ. އެ އަށް ފަހު ދެން އަހަރެން ވިސްނީ ސްޕެއިނަށް ބަދަލުވާން. އަހަރެން ކަހަލަ ކުޅުންތެރިއަކާ ވަރަށް ގުޅޭ ލީގެއް އެއީ،" އުމުރުން 28 އަހަރުގެ ހަޒާޑް ބުންޏެވެ.
ޗެލްސީގައި ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ގަ އެވެ. ހަޒާޑް ބުނީ ކޮންޓްރެކްޓެއް އޮތް ނަމަވެސް ޗެލްސީއާ އެކު ގިނަ އަހަރުތަކެއް ވަންދެން އޭނާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ޗެލްސީއާ އެކު އަހަންނަށް ގާތްގަނޑަކަށް ހުރިހާ ކާމިޔާބެއް ލިބިއްޖެ. އަހަރެން ޗެލްސީގައި މިހުރީ އުފަލުން މި ޓީމާއި ސަޕޯޓަރުން އަހަރެން ދެކެ ލޯބިވޭ. އަހަރެން އާއިލާ މީހުން ވެސް ތިބީ އުފަލުން. ސްޕެއިނަށް ނުދެވިއްޖެނަމަ މި ޓީމުގައި އަހަރެން ކެރިއަރު އެއްކޮށް ވެސް މަޑުކޮށްފާނަން،" ހަޒާޑް ބުންޏެވެ.
ޗެލްސީން އަންނަނީ ހަޒާޑާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަހަރަކު 15.8 މިލިއަން ޕައުންޑް ލިބޭ ގޮތަށް ފަސް އަހަރަށް ހަޒާޑް ލައްވައި ސޮއިކުރުވާށެވެ.
ޗެލްސީގެ ކޯޗު ސާރީ ވަނީ ހަޒާޑް އެ ޓީމުގައި މަޑުކޮށްފިނަމަ މުސްތަގުބަލުގައި އޭނާ ދުނިޔާގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދޭނެ ކަމަށް ބުނެފަ އެވެ.
ދާދި ފަހުން ހަޒާޑް ވަނީ ޗެލްސީ އަށް ކުރިން އިރުޝާދުދިން މިހާރު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާ އެކު މަސައްކަތްކުރާނެ އިތުރު ފުރުސަތެއް ލިބިއްޖެނަމަ ބޭނުން ހިފާނެ ކަމަށް ބުނެފަ އެވެ. ބައިނަލްއަގްވާމީ މެޗުތަކަށް މެދުކަނޑާލުމަށް ފަހު ޔޫރަޕްގެ ލީގުތަކުގެ ކުޅުން ފަށާފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޗެލްސީ ނުކުންނާނީ ޔުނައިޓެޑާ ދެކޮޅަށެވެ.