ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މާކް ރަފަލޯއަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަޝްހޫރު ފަންނާނެކެވެ. އޭނާގެ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މި އަހަރު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "އެވެންޖާޒް: އިންފިނިޓީ ވޯ" އިންނެވެ. އަދި އަންނަ އަހަރު ރިލީޒްކުރާ މި ސީރީޒްގެ ހަތަރު ވަނަ ފިލްމުން ވެސް އޭނާ ފެނިގެން ދާނެ އެވެ.

ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ އެ ފިލްމު ސިނަމާތަކަށް އަންނާނީ މެއި، 3، 2019 ގަ އެވެ.

ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރަފަލޯ، 50، ގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާ އިރު އެޗްބީއޯ އިން ގެނެސް ދޭން ނިންމާފައިވާ ލިމިޓެޑް ސީރީޒްއަކަށް ވެސް އޭނާ ވަނީ ސޮއިކޮށްފަ އެވެ.

ރަފަލޯ ފެނިގެން ދާނެ އެޗްބީއޯގެ ލިމިޓެޑް ސީރީޒްއަކީ "އައި ނޯ ދިސް މަޗް އިޒް ޓްރޫ" ގެ ނަމުގައި ލިޔެފައިވާ ވާހަކައަށް ބިނާކޮށް ހަމަ އެ ނަމުގައި ހަދާ އެއްޗެކެވެ. މީގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނަ އެވެ.

އާއިލީ ވާހަކައެއް ކިޔައިދޭ "އައި ނޯ ދިސް މަޗް އިޒް ޓްރޫ" ގައި ރަފަލޯގެ ފެނިގެން ދާނީ ޑޮމިކް އާއި ތޯމަސް ބާޑްސީ ކިޔާ ޑަބަލް ރޯލަކުންނެވެ. މި ސީރީޒް ލިޔެ، ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ "ދަ ޕްލޭސް ބިޔޯންޑް ދަ ޕައިންސް" އާއި "ބުލޫ ވެލެންޓެއިން" ފަދަ ފިލްމުތައް ގެނެސް ދިން ޑެރެކް ޝިއަންފްރަންސް އެވެ.

ހަ އެޕިސޯޑްގެ މައްޗަށް ހަދާ "އައި ނޯ ދިސް މަޗް އިޒް ޓްރޫ" އެޗްބީއޯ އިން ގެނެސް ދޭން ފަށާނެ ތާރީހެއް އަދި ނުނިންމަ އެވެ.

އަންނަ އަހަރު ރިލީޒް ކުރަން ނިންމާފައި އޮތް ޑްވޭން (ރޮކް) ޖޯންސަންގެ ފިލްމު "ޖަންގަލް ކްރޫޒް" 2020 އަށް ފަސްކޮށްފި އެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނީ ޑިޒްނީގެ މި ފިލްމު މިހާރު ސިނަމާތަކަށް ގެނެސް ދޭން ނިންމާފައި ވަނީ ޖުލައި، 24، 2020 ގައި ކަމަށެވެ.

ކުރިން އެ ފިލްމު ރިލީޒް ކުރާ ގޮތަށް އޮތީ އޮކްޓޯބަރު، 11، 2019 ގަ އެވެ. "ޖަންގަލް ކްރޫޒް" އަކީ މިދިޔަ އަހަރު ރިލީޒް ކުރި ހިއު ޖެކްމަންގެ "ލޯގަން" ގެ ސްކްރީން ރައިޓަރު މައިކަލް ގްރީންގެ ސްކްރީންޕްލޭއަކަށް ޖޯމް ކޮލޭ-ސެރާ ޑައިރެކްޓް ކުރާ އެކްޝަން އެޑްވެންޗާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އެމިލީ ބްލަންޓް ވެސް ހިމެނެ އެވެ.

އަންނަ އަހަރު ރިލީޒް ވާން ހުރި ރޮކްގެ ފިލްމުތަކުގެ ތެރޭގައި "ފައިޓިން ވިތު މައި ފެމިލީ"، "ޝަޒަމް" އަދި "ފާސްޓް އެންޑް ފިއުރިއަސް" ގެ ސްޕިން-އޯފްއެއްގެ ގޮތުގައި ގެނެސްދޭ "ހޮބްސް އެންޑް ޝޯ" ހިމެނެ އެވެ.

ޑްރަގް ޑްރާމާ "އާކަންސަސް" ގެ މުހިއްމު ރޯލްތަކަށް ލިއަމް ހެމްސްވޯތު އާއި ވިންސް ވޯން ސޮއިކޮށްފި އެވެ.

މިއީ "ދޮ އޮފީސް" ފަދަ ސިލްސިލާތައް ކުޅެފައިވާ ކްލާކް ޑޫކް ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. "އާކަންސަސް" ގެ ރޯލަކުން ވެސް އޭނާ ފެނިގެން ދާނެ އެވެ. ފިލްމުގެ ޝޫޓިން އަލަބަމާގައި މިދިޔަ ހަފުތާގައި ވަނީ ފަށައިފަ އެވެ.

ހެމްސްވޯތު ދާދި ފަހުން "ކިލާމޭން" ގެ ޝޫޓިން ނިންމާލައިފައިވާ އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޕްރިޔަންކާ ޗޯޕްޅާ ބަތަލާގެ ރޯލް ކުޅެފައިވާ "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ވެލެންޓައިންސް ޑޭގަ އެވެ. ވިންސްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ވެނިސް ފިލްމު ފެސްޓިވަލްގައި ޕްރިމިއާ ކުރި "ޑްރެގްޑް އެކްރޮސް ކޮންކްރީޓް" އެވެ. ކްލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ދަ ލާސްޓް މޫވީ ސްޓާ" އެވެ.

"އާކަންސަސް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބްލެކްޕެންތާ" ގެ ތަރި މައިކަލް ބީ ޖޯޑަން، ހިޓްމޭންގެ ރޯލް ކުޅެން ނިންމައި، "ދަ ސިލްވަ ބެއާ" ގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް އޭނާ ނަގާނެ އެވެ.

އަދި ޑައިރެކްޓް ކުރާނެ މީހަކު އިއުލާންކޮށްފައި ނުވާ "ދަ ސިލްވަ ބެއާ" އަކީ ޑެރެކް ހާސް ލިޔެފައިވާ ވާހަކަ ސީރީޒްއަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. އޭނާއަކީ 2008 ގެ ފިލްމު "ވޯންޓެޑް" އާއި 2007 ގެ "3:10 ތު ޔޫމާ" ގެ ސްކްރީން ރައިޓަރު ވެސް މެ އެވެ.

ނަމަވެސް "ދަ ސިލްވާ ބެއާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ދަ ގޯޑްމަދާ" ލިޔުނު ފްރޭންކް ބޯލްޑްވިން އެވެ.