19 އޮކްޓޯބަރ 2018 - 21:51

އިސްލާމްއާބާދު (އޮކްޓޯބަރު 19) - އާމްދަނީ އާއި މުދަލުގެ ތަފްސީލް ހާމަ ނުކުރުމާއި ބޭރުގެ ކުންފުނިތަކުގައި ހިއްސާ އޮންނަ ކަމަށް ބުނެ ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުން އިމްރާން ޚާން ޑިސްކޮލިފައި ކުރަން ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ މުސްލިމް ލީގު ނަވާޒް (ޕީއެމްއެލް-އެން) އިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ ޕީއެމްއެލް-އެން އިން ހުށަހެޅި ޕެޓިޝަނުގައި ގާނޫނީ ޕޮއިންޓެއް ނެތް ކަމަށެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް ތަހްރީކީ އިންސާފް ޕާޓީގެ ލީޑަރު އިމްރާން ވަޑައިގެންނެވީ ޖުލައި މަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު، ގައުމުން ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު އެވެ.
ނަވާޒް ޝަރީފުގެ މަގާމު ގެއްލުނު ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކަނޑައެޅީ ގައުމުން ބޭރުގައި ވިޔަފާރި ކުރާ ކަމަށް ހުށަހެޅި މައްސަލައިގަ އެވެ.