19 އޮކްޓޯބަރ 2018 - 21:24

ވޮޝިންޓަން (އޮކްޓޯބަރު 19) - ސައުދީ އަރަބިއާގައި އަންނަ ހަފުތާގައި ބާއްވާ ވިޔަފާރި ސަމިޓް އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ވިޔަފާރިއާ ބެހޭ މިނިސްޓަރުން ބޮއިކޮޓް ކޮށްފި އެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވް އެމްނުޗިން އާއި އިނގިރޭސި ވިލާތުގެ އިންޓަނޭޝަނަލް ޓްރޭޑް ސެކްރެޓަރީ ލިއާމް ފޮކްސް ސައުދީ ސަމިޓަށް ނުދާން ނިންމީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ގެއްލުނު މައްސަލާގައި ސައުދީ އަށް ތުހުމަތު ކުރެވުމާ ގުޅިގެންނެވެ.
ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ޚާޝުގްޖީ މި މަހު 2 ވަނަ ދުވަހު ވަން ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ތުރުކީން ބުނަނީ ސައުދީން ފޮނުވި އެޖެންޓުންތަކެއް ވަނީ ޚާޝުގްޖީ މަރާލާފައިވާ ކަމަށެވެ. ނަމަވެސް ސައުދީން އެކަން ދޮގު ކުރެ އެވެ.
ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް ސަމިޓު ބާއްވަން ހަމަޖެހިފައި ވަނީ މި މަހު 23-25 އަށް ރިޔާޒުގަ އެވެ. މިއީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިގްތިސާދީ އެޖެންޑާ ޕްރޮމޯޓް ކުރަން ބާއްވާ ސަމިޓެކެވެ. ވަލީ އަހުދުގެ ވިޝަން 2030 ޕްލޭން ބިނާކޮށްފައި ވަނީ ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަކޮށް އާމްދަނީ ލިބޭނެ އެހެން ވަސީލަތްތައް ހޯދުމަށެވެ.
ސަމިޓް މިހާރު ވަނީ ވަރަށް ގިނަ ކުންފުނިތަކުގެ ވެރިން ވެސް ބޮއިކޮޓްކޮށްފަ އެވެ.