19 އޮކްޓޯބަރ 2018 - 11:30

މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގައި އުމުރުން 14 އަހަރުގެ އަހުމަދު ނިބާލަށް އެންމެންގެ ލޯ އަމާޒުވީ ފުރަތަމަ ފަހަރަށް ގައުމީ މުބާރާތެއްގައި ކުޅެ އޭނާ ދެއްކި އާދަޔާހިލާފު ހިތްވަރުގެ ސަބަބުންނެވެ. އޭރުއްސުރެ ބުރަ މަސައްކަތްކޮށް ނިބާލް އަންނަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަރަމުންނެވެ. މި ފަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލުގައި ކުޅެ ނިބާލް ބަލިވި ނަމަވެސް އޭނާގެ މުސްތަގުބަލު އުޖާލާކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ނިބާލް ވަނީ 2016 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު ފައިނަލުގައި ނިބާލް ވާދަކުރީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ ބ. އޭދަފުށީގެ ހުސެއިން މުހައްމަދުއާ އެވެ. އެ ފައިނަލުން ބަލިވި ނަމަވެސް ނިބާލަށް އޭރު ވެސް ލިބުނީ ކުރިއަށްދާނެ ހިތްވަރެވެ.
ގައުމީ ޓީމުގައި ހިމެނިގެން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ނިބާލް ވަނީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ކުޅެފަ އެވެ. ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން އޭނާ ވަނީ ހިފައިފަ އެވެ. ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕާއި މޮރިޝަސް ބެޑްމިންޓަން ސީރީސްފަދަ މުބާރާތްތަކުގައި ކުޅެ ނިބާލް ވަނީ ބޮޑެތި ކުރިއެރުން ހޯދައިފަ އެވެ.
މި ފަހަރުގެ ގައުމީ ފުރަތަމަ ޑިވިޝަން ފައިނަލުގައި ނިބާލް ވާދަކުރީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބެޑްމިންޓަން ކުޅުންތެރިއާ މުހައްމަދު އަޖުފާން ރަޝީދުއާ އެވެ. ފައިނަލުގައި ނިބާލް ބަލިވީ 21-12، 21-04 އިންނެވެ. ނަތީޖާގެ ފަރަގު ބޮޑުވުމުގެ އެންމެ ބޮޑު ސަބަބަކީ ޕްރެޝަރުގައި ނިބާލް ކުޅެން ޖެހުމެވެ. އަދި މި ލެވެލްގެ މެޗުތަކުގައި ތަޖުރިބާ މަދުވުމުގެ ކަންތައްތަކެއް ވެސް ފެނުނެވެ.
"ވަރަށް މަސައްކަތްކުރިން. މީގެ ދެ އަހަރު ކުރިން ދެ ވަނަ ޑިވިޝަނުގައި. މި ފަހަރު ފުރަތަމަ ޑިވިޝަން ފައިނަލުގައި ކުޅުނީ. މި ދެ ފަހަރު ވެސް ބަލިވީ. އެ ދުވަސްވަރާއި އަޅުގަނޑު ދެކެމުން އަންނަ ހުވަފެނެއް ގައުމީ ތަށި ހޯދުމަކީ. މި ފަހަރު އެންމެ ރަނގަޅަކަށް ނޫން މިދިޔައީ. ދެން އަންނަ ފަހަރަށް މަސައްކަތް ކުރާނަން ތަށި ހޯދަން،" މި ފަހަރުގެ ފައިނަލަށް ފަހު އުމުރުން 16 އަހަރުގެ ނިބާލް ބުންޏެވެ.
ދެ ޑިވިޝަނެއްގެ ފައިނަލުގައި ނިބާލް ކުޅެފި އެވެ. އޭނާ ބުނީ މި ދެ މެޗުން ވެސް ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔަ ކަމަަށާއި އަބަދުވެސް އަމާޒުހިފަނީ ފަހަރަކަށް ވުރެން ފަހަރެއް ރަނގަޅު ކުރުމަށް ކަމަށެވެ.
"މި ފަހަރު ސިލްވާ މި ލިބުނީ. ފައިނަލުގައި ވެސް ކުޅެލެވުނީމައާ އެކު ފައިނަލުގައި އެ ކުޅުމުގެ ބިރު އިންނާނީ ގޮސްފައި ކަންނޭނގެ އަންނަ އަހަރު ކުޅޭއިރު. ދެން އެކްސްޕީރިއަންސްގެ މައްސަލަ ވެސް އެހާ ބޮޑަށް ދިމައެއް ނުވާނެ. ދެން ބަލާނީ އިތުރަށް މަސައްކަތް ކޮށްގެން އެއް ސްޓެޕް މައްޗަށް ޖައްސަން،" އުއްމީދުގައި ހުރެ ނިބާލް ބުންޏެވެ.
ލިބޭ ކާމިޔާބީތަކުގައި މަންމަ އާއި ބައްޕަ އަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ނިބާލް ވަނީ ބުނެފަ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުރިއަށްދާން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކޮށްދޭ މަސައްކަތްތައް ވެސް ފާހަގަކުރި އެވެ.
"ގައުމީ ޓީމުގެ ކުޅުންތެރިންނަށްޓަކައި އެސޯސިއޭޝަނުން ހޯދައިދޭ ފުރުސަތުތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ބޭރު މުބާރާތްތަކުގައި ކުޅެލަން އެ ލިބޭ ފުރުސަތުތަކުން ވަރަށް ކުރިއަށްދާން ފަސޭހަވޭ. އަޅުގަނޑުމެން ބެޑްމިންޓަން ގައުމީ ޓީމުގެ އެންމެނަށް ވެސް އޭނގެ ކުރިއެރުން ލިބެމުން މިދަނީ. ނަތީޖާ ވެސް އެބަފެނޭ،" އިމާދުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ނިބާލް ބުންޏެވެ.
ގައުމީ ޗެމްޕިއަންކަން މި ފަހަރު އަށް ވަނަ ފަހަރަށް ހޯދި އަޖުފާން ވަނީ ނިބާލަކީ މުސްތަގުބަލު އޮތް ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ އަށް މުސްތަގުބަލުގައި ގައުމީ ޗެމްޕިއަންކަން ހޯދޭނެ ކަމަށް ވެސް ބުންޏެވެ.
ނިބާލްގެ ކުރިއެރުމުގައި ގިނަ ބަޔަކު ފާހަގަކުރާ އެއް ކަމަކީ އޭނާގެ ޑިސިޕްލިން އެވެ. ބެޑްމިންޓަންގެ ކޮންމެ މީހަކަށް ވެސް އޭނާ ކަމުދާ އެންމެ ބޮޑު އެއް ސަބަބަކީ އޭނާ ޑިސިޕްލިންއާ އެކު ކުރިއަރަން ކުރާ މަސައްކަތް ރަނގަޅުވުމެވެ. އަދި ސަރަހައްދީ ލެވެލްގައި ރާއްޖެ އަށް ބެޑްމިންޓަނުން މެޑަލް ހޯދައިދިނުމުގައި ކުރާ މަސައްކަތުގައި ގިނަ ބަޔެއްގެ އުއްމީދުތައް ވަނީ ނިބާލްއާ ވެސް ގުޅިފަ އެވެ.
"ވަރަށް އުފާވޭ ގިނަ މީހުން ހިތްވަރު ދޭތީ. އަޅުގަނޑާ މެދު އުއްމީދުތަކެއް ކުރާތީ އެ އަބަދުވެސް ލިބޭ ހިތްވަރެއް. ބޭނުމީ މި ގޮތުގައި އިތުރަށް މަސައްކަތްކޮށްގެން ކުރިއަށްދާން،" އޭނާ ބުންޏެވެ.