21 އޮކްޓޯބަރ 2018 - 14:18

ބެއިޖިން (އޮކްޓޯބަރު 21) - އިންޝުއަރަންސް ހޯދުމުގެ ބޭނުމުގައި "ފޭކް މަރެއް"ވި ފިރިމީހާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހޭ ވަރުގެ ބޮޑު ކަމެއް ދިމާވެއްޖެ އެވެ.
ފިރިމީހާގެ ރޭވުން ނޭނގި އޮތް އަނބިމީހާ އަށް ފޭކު މަރުގެ ޚަބަރު ލިބުމާ އެކު އަނބިމީހާ ވަނީ ފިރިމީހާ ނެތް ދުނިޔެއެއްގައި ނޫޅޭނެ ކަމަށް ބުނެ ދެ ދަރިންނާ އެކު މަރުވެފަ އެވެ.
އުމުރުން 34 އަހަރުގެ ފިރިމީހާ މަރުވެފައިވާ ކަމަށް ބެލެވުނީ އަނބުރާ ދައްކާ ގޮތަށް އޭނާ ގެނެސްފައިވާ ކާރު ކޯރެއްގެ ތެރޭން ފެނުމުންނެވެ. އެކަމަކު އޭނާގެ ހަށިގަނޑު ފެނިފައެއް ނުވެ އެވެ. ފިރިމީހާ ރޭވި ރޭވުން އަނބިމީހާގެ ގާތުގައި ބުނެފައެއް ނުވެ އެވެ. އެހެންވެ އަނބިމީހާ ހީކުރީ ފިރިމީހާ ހަމަ ހަގީގަތުގައި ވެސް މަރުވީ ކަމަށެވެ. އޭގެ ތިން ހަފުތާ ފަހުން އަނބިމީހާ ވަނީ އަމިއްލަ އަށް މަރުވި ކަމުގެ ނޯޓެއް ދޫކޮށްލުމަށް ފަހު ފެންގަނޑަކަށް ގެނބިގެން މަރުވެފަ އެވެ.
ފިރިމީހާ އަށް މި ޚަބަރު އެނގުމާ އެކު އޭނާ ވަނީ ހުނާން ޕްރޮވިންސްގެ ޒިންހުއާ ކައުންޓީ ޕޮލިސް ސްޓޭޝަނަށް އަމިއްލަ އަށް ގޮސް ވީގޮތް ކިޔައިދީފަ އެވެ. ފިރިމީހާގެ ނަމެއްގެ ގޮތުގައި ފުލުހުން ބުނެފައި ވަނީ ހީ އެވެ.
ފުލުހުން ހީ ހައްޔަރުކޮށްފައި ވަނީ އިންޝުއަރެންސަށް މަކަރު ހެދުމާއި ތަކެއްޗަށް ގެއްލުން ދިނުމުގެ ކުށުގަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ހީ ވަނީ އެއް މިލިއަން ޔުއާން (145،000 ޑޮލަރު) ގެ އިންޝުއަރެންސް ޕެކޭޖެއް ގަނެފަ އެވެ. އެ ޕެކޭޖް ގަތް ކަމެއް އޭނާގެ އަންހެނުންނަށް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ. ވޮއިސް އޮފް ޗައިނާ އިން ބުނި ގޮތުގައި ފިރިމީހާގެ ބަދަލުގައި އިންޝުއަރެންސްގެ ބެނެފިޝަރީއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އޭނާގެ އަނބިމީހާ އެވެ.
ސެޕްޓެމްބަރު 19 ވަނަ ދުވަހު ހީ ވަނީ އަނބުރާ ގެންދާ ގޮތަށް ކާރެއް ހޯދައިފައި ކަމަށް ފުލުހުން ބުންޏެވެ. ބޭނުމަކީ ކާރު އެކްސިޑެންޓެއްގައި އޭނާ މަރުވި ކަމަށް ފޭކް ޖެއްސުމަށެވެ.
އުމުރުން 31 އަހަރުގެ އަނބިމީހާ އާއި އޭނާގެ ހަތަރު އަހަރާއި ތިން އަހަރުގެ ދެ ދަރިންގެ ހަށިގަނޑު ފެނިފައި ވަނީ އޮކްޓޯބަރު 11 ވަނަ ދުވަހު އެވެ. އަނބިމިހާ އާއި ދެ ކުދިން މަރުވީ ގޭ ދޮށުގައި އޮތް ފެންގަނޑަށް އެރި އަމިއްލަ އަށް ގެނބިގެންނެވެ. މި ހާދިސާ ވަނީ ޗައިނާގެ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ.