ޓެކްސަސްގެ މިސްކިތުގައި އަލިފާން ޖެހި މީހާ 24 އަހަރަށް ޖަލަށް
ޓެކްސަސްގެ މިސްކިތުގައި އަލިފާން ޖެހި މީހާ 24 އަހަރަށް ޖަލަށް

ޓެކްސަސް (އޮކްޓޯބަރު 18) - އެމެރިކާގެ ޓެކްސަސްގެ މިސްކިތެއްގައި އަލިފާން ޖެހި މީހާ 24 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

އުމުރުން 26 އަހަރުގެ މާގް ޕެރޭޒް ނަމަކަށް ކިޔާ މީހާ ވިކްޓޯރިއާ އިސްލާމިކް ސެންޓަރުގައި އަލިފާން ޖެހީ ޖެނުއަރީ 28، 2017 ގަ އެވެ. އޭނާ ކުށްވެރިވެފައި ވަނީ މިދިޔަ ޖުލައި މަހު އެވެ.

ޕެރޭޒުގެ ޝަރީއަަތުގައި ޕްރޮސެކިއުޓަރުން ފާހަގަކޮށްފައި ވަނީ އެއީ ރުޅިވެރިކަމާއި ނަފުރަތުގެ އަމަލެއް ކަމަށެވެ. ހުކުމް އިއްވި ޔޫއެސް ޑިސްޓްރިކް ޖަޖް ޖޯން ރެއިނޭ ވެސް ވިދާޅުވެފައި ވަނީ ނަފްރަތަކީ މުޖްތަމައުގައި ފެތުރެމުންދާ ކެންސަރެއް ކަމަށެވެ. އޭނާ ވިދާޅުވީ ޕެރޭޒް އުޅުނީ މުސްލިމް މުޖްތަމައަށް މެސެޖެއް ދޭން ކަމަށެވެ. އެކަމަކު ކޯޓުން ވެސް އެވަނީ ޕެރޭޒް އަށާއި އޭނާ ކަހަލަ އެހެން މީހުންނަށް މެސެޖެއް ދީފައި ކަމަށް ރެއިނޭ ވިދާޅުވި އެވެ.

އެކްޓިން އެސިސްޓެންޓް އެޓާނީ ޖެނެރަލް ޖޯން ގޯ ވިދާޅުވީ އެމެރިކާގައި މިނިވަން ކަމާ އެކު އަޅުކަންކޮށް އުޅުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.

އަންދާލި ޓެކްސަސްގެ މިސްކިތް ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި އަލުން ހަދައިފަ އެވެ.

ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބުނެފައި ވަނީ މުސްލިމް ކޮމިއުނިޓީން ފައިސާ ހޯދައިގެން އެ މިސްކިތް އަލުން އިމާރާތްކޮށްފި ނަމަ އަނެއްކާ ވެސް މިސްކިތް އަންދާލާނެ ކަމަށް ޕެރޭޒް ބުނެފައިވާ ކަމަށެވެ.