ގެއްލުނު ނޫސްވެރިޔާގެ ފަހުގެ ކޮލަމްގައި ގޮވާލާފައި ވަނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް
ގެއްލުނު ނޫސްވެރިޔާގެ ފަހުގެ ކޮލަމްގައި ގޮވާލާފައި ވަނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް

ވޮޝިންޓަން (އޮކްޓޯބަރު 18) - ގެއްލުނު ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ފަހުގެ ކޮލަމް ވޮޝިންޓަން ޕޯސްޓުން ޝާއިއުކޮށްފި އެވެ.

އޭނާގެ ކޮލަމްގައި ގޮވާލައިފައި ވަނީ އަރަބި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމަށެވެ. ނޫހުން ބުނީ ޚާޝުގްޖީގެ ފަހުގެ ކޮލަމް ޝާއިއު ކުރަން ނިންމީ އޭނާ ސަލާމަތުން ދެން އެނބުރި އަތުވެދާނެ ކަމަށް ނުބެލެވޭތީ ކަމަށެވެ.

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި މަހު 2 ވަނަ ދުވަހު ވަން ފަހުން ޚާޝޮގްޖީގެ ޚަބަރެއް ވެފައެއް ނުވެ އެވެ.

ވޮޝިންޓަން ޕޯސްޓުގެ ގްލޯބަލް އޮޕީނިއަންސް އެޑިޓަރު ކަރެން އަޓިއާ ވިދާޅުވީ އަރަބި ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަން ކަމަށް ޚާޝުގްޖީ އެދޭ މިންވަރު އޭނާގެ ފަހުގެ ކޮލަމުން އެނގޭ ކަމަށެވެ. ޚާޝުގްޖީގެ ފަހުގެ ކޮލަމް ވޮޝިންޓަން ޕޯސްޓަށް ފޮނުވާފައި ވަނީ އޭނާ ގެއްލުމުގެ އެއް ދުވަސް ކުރިންނެވެ.

ޚާޝުގްޖީ އެމެރިކާގައި ދިރިއުޅެން ފެށީ ސައުދީން އިންޒާރުތައް ލިބެން ފެށުމުންނެވެ. ސައުދީގެ ނޫސްތަކަށް އޭނާ ލިޔުނު ލިޔުންތަކުގައި ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.