19 އޮކްޓޯބަރ 2018 - 06:38

އިންޑިއާގައި މިހާރަށް ވުރެ ބޮޑަށް ކެންސަރަށް ހޭލުންތެރިކަން އުފައްދަންޖެހޭ ކަމަށާއި އެ ބައްޔާ ބެހޭ ގޮތުން އަދިވެސް އެކަށީގެންވާ ވަރަށް އާންމުންގެ މެދުގައި ހޭލުންތެރިކަން ނުހުންނަ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ބުނެފި އެވެ.
ޓާޓާ މެމޯރިއަލް ހޮސްޕިޓަލާއި ވިމެންސް ކެންސާ އިނިޝިއޭޓިވް (ޑަބްލިއުސީއައި) ގުޅިގެން ބޭއްވި އިވެންޓެއްގައި، ކުރީގެ ރީތީގެ ރާނީ ބުނީ އެންމެ މުހިއްމު ކަމަކީ ކެންސަރާ ބެހޭ މައުލޫމާތު ވީހާ ވެސް ފުޅާކޮށް ލިބޭނެ ގޮތް ހެދުން ކަމަށެވެ.
"ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތްތައް އިންތިޒާމުކޮށް، މައުލޫމާތުތައް ފަރުގައި ކެންސަރު ބައްޔާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަކީ ހުއްޓުމެއް ނެތި ކުރަން ޖެހޭ ކަމެއް،" ދާދި ފަހުން ރިލީޒް ކުރި "ފަނޭ ހާން" ގެ ބަތަލާ ބުންޏެވެ.
އައިޝްވާރިޔާ ބުނި ގޮތުގައި ކެންސަރާ ބެހޭ މައުލޫމާތު ކުޑަވުމަކީ، މި ބައްޔާ ދޭތެރޭ މީހުން ދެކޭ ގޮތާއި ބައްޔާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތަކަށް ވެވޭ އިހުމާލެކެވެ.
"އެންމެ މުހިއްމު ކަމަކަށް ކެންސަރަކީ އެ ބަލި ޖެހޭތާ ކުރީކޮޅު އެކަށީގެންވާ ފަރުވާ ދެވިއްޖެ ނަމަ ރަނގަޅު ކުރެވިދާނެ ބައްޔެއްކަން. ހަހަގީގަތުގައި މިހަކަ މައުލޫމާތުތައް ގިނަ ބަޔަކަށް ނޭނގުުމާއި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރެވޭ ގޮތުން ސިއްހީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް މީހުން ހުށަހެޅޭ،" ޔޫއެންގެ އެއިޑްސް ޕްރޮގްރާމާއި ޔޫއެން އެއިޑްސްގެ އެމްބަސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ އައިޝްވާރިޔާ ބުންޏެވެ.
އޭނާ މަސައްކަތްކުރާ ފިލްމީ ދާއިރާ އަށް ބަލާ އިރު، ކެންސަރު ޖެހިގެން، ފަރުވާ ހޯދުމަށް ފަހު ރަނގަޅުވެފައި ތިބި މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ބަތަލާ މަނީނާ ކޮއިރަލާއި ލީޒާ ރޭ ހިމެނެ އެވެ.
ބޮލިވުޑްގެ ފަންނާނުންގެ ތެރެއިން ކެންސަރަށް މިހާރު ފަރުވާ ހޯދާ މީހުންގެ ތެރޭގައި އިރްފާން ހާން، ސޮނާލީ ބެންޑްރޭ އަދި އަޔޫޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކެޝަޕް ފާހަގަކޮށްލެވެ އެވެ.