18 އޮކްޓޯބަރ 2018 - 14:48

ކޮލަމްބޯ (އޮކްޓޯބަރު 18) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަވަހާރަކޮށްލަން އިންޑިއާގެ ސީކްރެޓް ސާވިސް އިން ރާވަމުން ދާ ކަމަށް ސިރިސޭނާ ވިދާޅުވި ކަމަށް އިންޑިއާގެ ނޫހެއްގައި ލިޔުނު ރިޕޯޓް އެމަނިކުފާން ދޮގު ކުރައްވައިފި އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ގުޅުއްވައި ސިރިސޭނާ ވިދާޅުވީ "ދަ ހިންދޫ" ނޫހުގައި ލިޔެފައިވާ ޚަބަރަކީ ދޮގެއް ކަމަށެވެ. އިންޑިއާގެ ނޫހުން ބުނެފައި ވަނީ ސިރިސޭނާ އަވަހާރަކޮށްލަން އުޅޭ ކަމަށް އެމަނިކުފާން ވިދާޅުވެފައި ވަނީ ކެބިނެޓުގެ ބައްދަލުވުމެއްގައި ކަމަށެވެ.
މޯދީ އަށް ސިރިސޭނާ ގުޅުއްވީ ހިންދޫ ނޫހުގެ ރިޕޯޓް ލަންކާ ސަރުކާރުން ދޮގުކުރިތާ މާގިނައިރުތަކެއް ނުވަނީހެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މޯދީ އަށް ސިރިސޭނާ ގުޅުއްވައި އެއީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އަދި ސްރީ ލަންކާގެ ހަގީގީ ރަހުމަތްތެރިއެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
މޯދީ އަށް ފޯނުން ގުޅުއްވުމުގެ ކުރިން އިންޑިއާގެ ހައި ކޮމިޝަނަރު ވަނީ ސިރިސޭނާއާ ބައްދަލު ކުރައްވައި މައުލޫމާތު ސާފު ކުރައްވައިފަ އެވެ.
ހިންދޫ ނޫހުގެ ރިޕޯޓުގެ ކުރިން ލަންކާގެ ފުލުހުންގެ އޮފިސަރަކު ވެސް ވަނީ ސިރިސޭނާ އަވަހާރަކޮށްލަން ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. ލަންކާ ސަރުކާރުން ބުނެފައި ވަނީ ސިރިސޭނާ އަވަހާރަކޮށްލަން އުޅޭ ކަމުގެ ސާބިތު އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.