18 އޮކްޓޯބަރ 2018 - 12:54

ގައުމީ ފުޓްބޯޅަ ޓީމުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމުން ހަދިޔާއެއްގެ ގޮތުގައި ޓީމުގެ ސްޕޮންސަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓީމަށް 600،000ރ. ދީފި އެވެ.
ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ޓީމުގެ 30 މެމްބަރުންނަށް މި ފައިސާ ބަހާލުމުން މީހަކަށް ޖެހޭނީ 20،000ރ. އެވެ. އެ ފައިސާ ދިނީ މާސްޓާ ކާޑް ރިލޯޑަބަލް ކާޑެއްގަ އެވެ. ގައުމީ ޓީމުގެ ފޮޓޯ އާއި ނަން ޖަހައި ހާއްސަކޮށް ތައްޔާރުކުރި މި ކާޑުން ފައިސާ ނަގައި އަދި ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އެ ފައިސާ ހުސްވުމުން އަލުން ޖަމާކޮށް ބޭނުންކުރެވޭނެ އެވެ.
މި ކާޑުތައް ކުޅުންތެރިންނާއި އޮފިޝަލުންނާ ހަވާލުކުރީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ޓީމުގެ ކާމިޔާބީއަށް މަރުހަބާ ކިޔުމުގެ ގޮތުންނާ ވެސް އެކު ބޭއްވި މި ހަފުލާގައި ބޭންކުގެ ހުރިހާ މެނޭޖަރުން ބައިވެރިވި އެވެ.
މިދިޔަ އަހަރުން ފެށިގެން ގައުމީ ޓީމުގެ ސްޕޮންސާޝިޕް ނަގާފައިވާ ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އެފްއޭއެމްއާ ގުޅިގެން ގައުމީ ޓީމަށް ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ މިދިޔަ ތިން މަހުގެ މުސާރަ އާއި އެފްއޭއެމް އަދި ސަރުކާރުން ދޭން ބުނި ބޯނަސް ނުލިބޭތީ މިދިޔަ ހަފުތާގައި ޝަކުވާކޮށްފަ އެވެ. ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ރާއްޖޭގެ ގައުމީ ޓީމުން މިދިޔަ މަހު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށްގެންނެވެ.