ދަނޑުވެރިކަމުގައި ރޮބޮޓެއް
ދަނޑުވެރިކަމުގައި ރޮބޮޓެއް

ދިރިއުޅުމުގެ ހުރިހާ ކަމަކަށް އެހީތެރިވެދޭނެ ރޮބޮޓުންނަކީ އިރެއްގައި ސައިންސް ފިކްޝަންތަކުން ފެނުނު ޚިޔާލީ ފޮލައެކެވެ. ނަމަވެސް އެމެރިކާގެ ދަނޑުވެރިޔަކު މިއަދު މިވަނީ އޭނާގެ ދަނޑުގައި ރޮބޮޓުން ލައްވާ ކުރުވި މަސައްކަތުގެ މޭވާ ވިއްކަން ތައްޔާރުވުމުގެ އެންމެ ފަހުގެ މަރުހަލާގައެވެ.

ދަނޑުވެރިކަމުގައި ރޮބޮޓެއް
ދަނޑުވެރިކަމުގައި ރޮބޮޓެއް

އެމެރިކާގެ ކެލިފޯނިޔާގެ ދަނޑުވެރި އާއިލާއަކަށް ނިސްބަތްވާ ބްރެންޑަން އެލެގްޒެންޑަ، އަޔަން އޮކްސްގެ ނަމުގައި މީގެ ތިން އަހަރު ކުރިން ރޮބޮޓުން ގޮވައިގެން ފެށި ދަނޑު ހެއްދުމުގެ މަސައްކަތް ވައިގަ ހިފައި، މިއަހަރު ފަހުކޮޅު، އެ ދަނޑުން ހެއްދި ތަކެތި އެ ހިސާބުގަނޑުގެ ފިހާރަތަކާއި ރެސްޓޯރަންޓްތަކުގައި ވިއްކޭނެކަމަށް އޭނާ އުއްމީދުކުރެއެވެ.

އޭނާ 2،000 އަކަފޫޓުގެ ބިމެއްގައި ހައްދާފައިވާ ގަސްތައް ހުންނަނީ 8 ފޫޓު، 4 ފޫޓުގެ ފޮށިތަކެއްގައެވެ. ފަތްޕިލާވެލީގެ އެކި ބާވަތްތައް މީގެ ތެރޭގައި ހައްދައެވެ. ދަނޑު ހެއްދުމުގެ މަސައްކަތުގައި އުޅެނީ އެންގަސް ކިޔާ ރޮބޮޓެކެވެ. އެ ރޮބޮޓްގެ މަސައްކަތަކީ ގަސްތަކުގެ ހާލު ބަލަމުން ފޮށިތަކަށް ބަދަލުކުރަންޖެހޭ ގަސްތައް، އެއްތަނުން އަނެއް ތަނަށް އުފުލުން ފަދަ ކަންކަމެވެ. އެންގަސްއާ އެކު މި މަސައްކަތުގައި އެހެން ރޮބޮޓެއްވެސް އުޅެއެވެ. އެ ރޮބޮޓަށް އޮންނަ މައިގަނޑު މަސައްކަތަކީ ގަސްތައް އިންދާފައިވާ ޓުކުރިއާ އެކު ތަންތަނަށް އުފުލުމެވެ. އެލެގްޒެންޑަ ބުނާ ގޮތުން ގަހުގައި ހިފުމުގެ ބަދަލުގައި ޓުކުރީގައި ހިފޭނެ ގޮތަށް ރޮބޮޓަށް ދަސްކޮށްދިނުން ވެގެންދިޔައީ ބުރަ އަދި ބޮޑު މަސައްކަތަކަށެވެ. އެކަމަކު އޭނާގެ ނަޒަރުގައި ބަރުދަނުގައި 450 ކިލޯ ހުންނަ އެންގަސްއަކީ ވަރަށް ކުޅަދާނަ ރޮބޮޓެކެވެ.

އަޔަން އޮކްސް ދަނޑުގައި މަސައްކަތްކުރާ ދެ ރޮބޮޓު ވެސް ޕްރޮގްރާމްކޮށް ބަލަހައްޓަނީ "ބްރެއިން"ގެ ނަމުން މަސައްކަތްކުރާ އާޓިފިޝަލް އިންޓެލިޖެންސް ސޮފްޓްވެޔާއަކުންނެވެ. މި ސޮފްޓްވެޔާ ހިންގަނީ ގަސްގަހާގެއްސާ ބެހޭ ސައިންސްވެރިންގެ ޓީމަކުންނެވެ. އަޔަން އޮކްސް ދަނޑުގައި މި ސައިންސްވެރިންގެ އިތުރުން ދެން އެއްވެސް މިންވަރަކަށް އިންސާނުންގެ އެހީ ހޯދަނީ މުޑުވައްކުރުމާއި ފަތްޕިލާވެލި ބަންދުކުރުމުގެ މަރުހަލާގައެވެ.
އަޔަން އޮކްސްގެ ބާނީ އެލެގްޒެންޑަ ބުނާ ގޮތުގައި ރޮބޮޓުންގެ އެހީގައި ދަނޑުވެރިކަން ކުރުމުގެ ވިސްނުމަކީ މި މަސައްކަތަށް ބޭނުންވާ މީހުން ހޯދުމުގެ ދަތިކަން އިންތިހާއަށް ދިޔުމުން އުފަންވި ވިސްނުމެކެވެ.

އެލެގްޒެންޑަގެ ކާފަގެ ޒަމާނުގައި ވެސް ދަނޑުފަނގުގައި މަސައްކަތްކުރާނެ މީހުންގެ ދަތިކަން އޮތް ކަމަށްވެއެވެ. މިހާރު އެމައްސަލަ އިތުރުވެފައިވާތީ ރޮބޮޓުންގެ އެހީތެރިކަން ހޯދީކަމަށް އޭނާ ބުނެއެވެ. އަދި މިކަމަކީ މި މަސައްކަތް ފެށިއިރު ވެސް އޭނަ ކުރިވަރުގެ އުއްމީދީ މަސައްކަތެއްކަމަށް ވެސް އަޔަން އޮކްސްގެ ބާނީ އެލެގްޒެންޑަ ގަބޫލުކުރެއެވެ.