18 އޮކްޓޯބަރ 2018 - 13:39

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އަންނަ މާޗް މަހުގެ ފަހުކޮޅު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތައްޔާރުވާން ފަށައިފި އެވެ.

ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ މިހާރު 85 މެމްބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާތީ، އިންތިޚާބު ބާއްވަން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މަޖިލީހުގެ ދާއިރާތަކާ ގުޅޭ ގޮތުން ޕާޓީތަކަށް ދައުވަތު ދީގެން ބައްދަލުވުމެއް ބާއްވާފައިވާއިރު، ވަކިވަކި މެމްބަރުންނާ އެކު ވެސް އީސީން މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ.
މަޖިލީހުގައި މިފަހަރު ދެ ގޮނޑި ނުވަތަ އެއް ގޮނޑި އިތުރުވުން އެކަށީގެންވެ އެވެ. މާލޭގެ ދާއިރާތައް އިތުރުކުރުމާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު ވަނީ ސިޔާސީ ޕާޓީތަކަށް ދީފަ އެވެ.
މަޖިލީސް އިންތިޚާބުގެ އެކި ދާއިރާތަކަށް އެކި މީހުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އޭގެތެރޭގައި މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި މުޅިން އަލަށް ކުރިމަތިލާ މީހުން ވެސް ހިމެނެ އެވެ. ބައެއް މީހުންގެ ކެމްޕޭން ވެސް ފަށާފައިވާއިރު، ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުން ރަސްމީކޮށް އިންތިޚާބުގެ މަސައްކަތެއް އަދި ނުފަށަ އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ގޮތަށް އިދިކޮޅު ކޯލިޝަންގެ ވިސްނުމަކީ މަޖިލީހުގެ ގިނަ ގޮނޑިތައް އެ ކޯލިޝަނުން ނެގުމެވެ. އެކަމަކު، މަޖިލީހުގެ ދާއިރާތައް ޕާޓީތަކަށް ބަހާނެ ގޮތެއް އަދި ކަނޑައެއް ނާޅަ އެވެ. ޕީޕީއެމުން ވެސް މަޖިލީސް އިންތިޚާބާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.
މަޖިލީސް އިންތިޚާބު ބޯމަތިވެފައިވާއިރު، މި ފަސް އަހަރުގެ ރައްޔިތުންގެ މަޖިލީސް އެކަށީގެންވާ ގޮތެއްގައި ނުހިނގަ އެވެ. މި އަހަރުގެ ތެރޭގައި ބޭއްވި މަޖިލިހުގެ ޖަލްސާތަކުގެ ތެރެއިން ފުރަތަމަ ދައުރުގައި 11 ޖަލްސާ އަދި ދެވަނަ ދައުރުގައި 13 ޖަލްސާއާ އެކު، ބާއްވާފައިވަނީ ޖުމްލަ 24 ޖަލްސާ އެވެ. ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން މިހާތަނަށް އެއްވެސް ޖަލްސާއެއް ނުބާއްވާ ދެ މަސްދުވަސް ވަނީ އެވެ.
މަޖިލިހުގެ މަސައްކަތަކަށް ހުރަސް އަޅައި، އެތަނުގެ ބާރު ކަނޑުވާލާފައި އޮތުމުގެ ތުހުމަތު ކުރަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށެވެ. މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ބާރު އޮންނަނީ މަޖިލީހުގެ ރައީސަށެވެ.