19 އޮކްޓޯބަރ 2018 - 06:36

މި މަހުގެ 26 ގައި ރިލީޒް ކުރަން އޮތް ފިލްމު "އެއާ ސްޓްރައިިކް" އެ ތާރީހުގައި ރިލީޒްކުރުން، ޓެކްސް އަށް މަކަރު ހަދައި އަދި މިހާރު ފިލައިގެން އުޅޭ ކަމަށް ބުނާ ޗައިނާގެ މަޝްހޫރު ބަތަލާ ފޭން ބިންގް ބިންގްގެ މައްސަލައާ ހެދި މަޑުޖައްސާލައިފި އެވެ.
ޗައިނާގެ ޑައިރެކްޓަރު ޒިއާއޯ ފެންގްގެ ބްލޮގްގައި ބުނީ އޭނާގެ ފިލްމުގެ ބަތަލާގެ މައްޗަށް ޓެކްސް އަށް މަކަރު ހަދާފައިވާ ކަމުގެ މައްސަލަތަކެއް ސާބިތުވެފައިވާތީ، މި ދަނޑިވަޅަކީ ފިލްމު ރިލީޒްކުރަން އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ. އެހެންވެ އުފައްދަން އަށް އަހަރު ނެގި ފިލްމު، ކުރިން ތާވަލުކޮށްފައި އޮތް ތާރީހު ކަމަށްވާ މި މަހުގެ 26 ގައި ސިނަމާތަކަށް ނުގެންނާނެ ކަމަށް ބުންޏެވެ.
ފޭންގެ ޓެކްސް އަށް މަކަރު ހެދިކަން ސާބިތުވެ، އޭނާ އަށް ޗައިނާގެ ޓެކްސް އޮތޯރިޓީން ވަނީ 130 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްކޮށްފަ އެވެ.
ޗައިނާގެ ބަތަލާއިންގެ ތެރެއިން ހޮލީވުޑްގެ ފިލްމުތައް ވެސް ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފޭން "ގެއްލިފައި" ވަނީ މިދިޔަ ޖޫން މަހުން ފެށިގެންނެވެ. އޭރު އޭނާ އޮތީ ޕެނެކޮޕް ކްރޫޒާ އެކު ކުޅޭ "355" އަށް ވެސް ސޮއިކޮށްފަ އެވެ.
ފޭން ބަތަލާގެ ރޯލް ކުޅެފައިވާ "އެއާ ސްޓްރައިކް" ގެ ތަރިންގެ ތެރޭގައި ބުރޫސް ވިލިސް އަދި އެޑްރިއެން ބްރޮޑީ ހިމެނެ އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ހާދިސާތަކެއް ކިޔައިދޭ މި ފިލްމަކީ 65 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. "އެއާ ސްޓްރައިކް" ދެން ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި ނޭނގެ އެވެ. އަދި ފިލްމު ތާވަލު ކުރި ތާރީހަށް ރިލީޒް ނުކުރެވުމަކީ މާލީ ގޮތުން ވެސް ބޮޑު ގެއްލުމަކަށް ވާނެ އެވެ.