ލިޔެކިޔުން ނައްތާލާ ވާހަކަ އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފި
ލިޔެކިޔުން ނައްތާލާ ވާހަކަ އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފި

މިނިސްޓްރީގެ ލިޔެކިޔުންތަކެއް ނައްތާލަމުން ދާ ވާހަކަ އިކޮނޮމިކް މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީގެ ލިޔެކިޔުންތަކެއް ނައްތާލަމުންދާ ކަމަށް އަޑުފެތުރުނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ މިނިސްޓްރީގެ އިމާރާތަކުން ގިނަ އަދަދެއްގެ ލިޔެކިޔުންތަކަކާއި ބައެއް އެހެން ސާމާނު ޕިކަޕަކަށް އަރުވައިގެން ގެންދާ ވީޑިއޯއަކާ އެކު އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބައެއް ލިޔުންތަކާއި ޕްރިންޓަރު ފަދަ ތަކެއްޗާއި ކާޕެޓުތަކެއް ޕިކަޕަކަށް އަރުވައިގެން ގެންދާ މަންޒަރުގެ ވީޑިއޯއެއް، ޓުވިޓާގައި ވަނީ އާންމުވެފަ އެވެ.

އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް އައިމިނަތު ނާދިޔާ ވިދާޅުވީ އެއްވެސް ލިޔުމެއް ނައްތާލުމުގެ މަސައްކަތް ކޮށްފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ނަމަވެސް މިނިސްޓްރީގެ އެތެރެ އެހެން ގޮތަކަށް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކުރީގެ ބައެއް އެއްޗެހި ގުދަނަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނައްތާލަން ބޭނުން ނަމަ ޝްރެޑެއް ނޫންތޯ ކުރާނީ. އެއީ ގުދަނަށް ބަދަލުކުރި ބައެއް ތަކެތި،" ނާދިޔާ ވިދާޅުވި އެވެ.

ދައުލަތުގެ ބައެއް ލިޔެކިޔުން ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

ސަރުކާރުގެ އެއްވެސް އޮފީހެއްގެ ލިޔެކިޔުން ނައްތާލާ ނަމަ އެކަން ކުރާ މުވައްޒަފުން ނުވަތަ ބަޔަކު ސީދާ ޒިންމާ އުފުލަން ޖެހޭނެ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކުރިން އިންޒާރު ވެސް ދެއްވި އެވެ.

ދައުލަތުގެ ލިޔުންތައް ނައްތާލަމުން ދާ ކަމަށް ބުނާ ވާހަކަ ސަރުކާރުން ވަނީ ރަސްމީކޮށް ދޮގު ވެސް ކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައި ވަނީ "ކުނިބުންޏަށްވާ" ތަކެތި ނައްތާލަމުން ދިޔަ ނަމަވެސް މުހިންމު އެއްވެސް ލިޔުމެއް ނައްތާނުލާ ކަމަށެވެ.