ރެއާލް މެޑްރިޑުން ކޮންޓޭއާ ވާހަކަތައް ފަށައިފި
ރެއާލް މެޑްރިޑުން ކޮންޓޭއާ ވާހަކަތައް ފަށައިފި

މެޑްރިޑް (އޮކްޓޯބަރު 18) – ރެއާލް މެޑްރިޑުން ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު ވާހަކަތައް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރެއާލް މެޑްރިޑުން ސީޒަނުގެ މިހާ ކުރީކޮޅު އާ ކޯޗެއް ހޯދުމުގެ މަސައްކަތް މި ފެށީ ހުލެން ލޮޕެޓީގަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވޭތީ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ގޯލެއް ނުޖެހެ އެވެ.

ރިޕޯޓްތައް ބުނަނީ މެޑްރިޑުގެ ޑިރެކްޓަރުން ހޯމަ ދުވަހު ކޮންޓޭއާ ބައްދަލުކޮށް އޭނާއާ ވާހަކަދައްކާފައިވާ ކަމަށެވެ. އެކަމަކު ޗެލްސީއާ ޖެހިފައިވާ މައްސަލަ ހައްލު ނުވަނީސް ކޮންޓޭ ޓީމަކާ ހަވާލުވެދާނެތޯ ސުވާލު ވަނީ އުފެދިފަ އެވެ.

ޗެލްސީން ކޮންޓޭ ވަކިކުކުރީ އާ ސީޒަން ފެށެން ގާތްވެފައިވަނިކޮށެވެ. އޭގެ ސަބަބުން އޭނާ އަށް އާ ސީޒަނަށް ޓީމަކާ ހަވާލުވުމުގެ ފުރުސަތު ގެއްލުނު ކަމަށް ކޮންޓޭ ތުހުމަތުކުރެ އެވެ. އަދި ޗެލްސީން ވަނީ އޭނާ އަށް ބަދަލުގައި 10 މިލިއަން ޔޫރޯ ދޭން ދެކޮޅު ހަދައިފަ އެވެ.

އެކަމަކު ރެއާލް މެޑްރިޑުގެ ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި އޭނާ އެ ފައިސާގެ އަދަދު ދޫކޮށްލަފާނެ ކަމަށް ވެސް ބެލެވެ އެވެ. ކޮންޓޭ ވަނީ ޗެލްސީ އަށް ފަހު އިޓާލިއަން ލީގުން ފެނިދާނެ ކަމަށް ބުނެފަ އެވެ. އޭނާ އަށް އޭސީ މިލާނާއި އިންޓަ މިލާނުން ވެސް ޝައުގުވެރިވާ ކަމަށްވެ އެވެ.

ޔުވެންޓަސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ކޮންޓޭ ވަނީ އިޓަލީ ގައުމީ ޓީމާ އެކު ވެސް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ޗެލްސީއާ ހަވާލުވެ ފުރަތަމަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ނަމަވެސް ދެ ވަނަ ސީޒަނުގައި ނަތީޖާތައް ދަށްވި އެވެ.