ސުޕްރީމް ކޯޓަށް ހުށަހެޅި ބަޔާންތައް ލީކްކުރުން ޕީޕީއެމުން ކުށްވެރިކޮށްފި
ސުޕްރީމް ކޯޓަށް ހުށަހެޅި ބަޔާންތައް ލީކްކުރުން ޕީޕީއެމުން ކުށްވެރިކޮށްފި

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ލީ މައްސަލައިގެ ހެކީގެ ގޮތުގައި އެ ކޯޓަށް ހުށަހެޅި ސިއްރު ބަޔާންތައް ލީކް ކޮށްލާފައިވާ ވާތީ ޕީޕީއެމުން އެކަން ކުށްވެރި ކޮށްފި އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މަސައްކަތް ކުރެއްވި ކަމަށާއި އެކަން އެނގޭ ކަމަށް ބުނާ ބައެއްގެ ބަޔާންތަކެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ލީކް ކޮށްލައިފަ އެވެ. ބަޔާންތައް ލީކް ކޮށްލާފައި ވަނީ އެ ބަޔާންތައް ދިން މީހުން ނޭނގޭ ގޮތަށެވެ. ބަޔާންތައް ލީކް ކޮށްލީ ކޯޓުގެ ތެރެއިން ކަމެއް ނުވަތަ ވަކީލުން ކަމެއް ނޭނގެ އެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޝަރުއީ ނިޒާމަށް އިތުބާރު އޮތުމަކީ މުހިންމު ކަމަކަށް ވާއިރު، ކޯޓުތަކަށް ހުށަހަޅާ ލިޔެކިޔުންތައް ލީކް ކުރުމުގެ ނާތަހުޒީބީ އަމަލުތައް ހުއްޓައިލަން ޖެހޭ ކަމަށެވެ.

"އެފަދަ އަމަލުތައް ހިންގުމަކީ ކަންކަމަށް ފާރަވެރިވެ، އެ ކަންކަމާ ބެހޭ މައުލޫމާތުތައް ހާމަކުރުމަށް ޖެހިލުންވެ، އެފަދަ މައުލޫމާތުތައް ހާމަކުރާ ފަރާތްތައް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެއް،" ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި، އެފަދަ ލިޔެކިޔުންތައް ލީކް ކުރުމާއި އެ ކަމަށް ހިތްވަރު ދިނުމަކީ ރައްޔިތުންގެ ހައްގަށް އަރައިގަތުން ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.

އެ ބަޔާންތަކުގައި ބުނެފައިވާ ގޮތުން، ފާހަގަ ޖެހޭ އަނގޮޓި އާއި ދެލި ފޮހެވޭ ގަލަމާއި ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ފޮހެވޭ ޚާއްސަ ކެމިކަލެއް ކަރުދާހުގައި ބޭނުން ކުރި އެވެ. ފާހަގަ ޖެހޭ އަނގޮޓިތައް ރާއްޖެ ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އެންގެވުމަކަށް ކަމަށް ބަޔާންތަކުގައި ވެ އެވެ. އެކަން ސާބިތުކޮށް ދޭން ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ކަނޑައަޅައި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.