26 މެއި 2016 - 13:00

އިއާދަކުރަނިވި ހަކަތަ ޕްރޮމޯޓު ކުރުމަށް، ދުނިޔެ ވަށާ ބުރެއް ޖެހުމަށް ދަތުރު ފަށާފައިވާ އަވީގެ ހަކަތައިން ދުވާ މަތިންދާ ބޯޓު އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓުގައި ބުދަ ދުވަހު ޖައްސައިފި އެވެ.

"ސޯލާ އިމްޕަލްސް 2" ގެ ނަން ދީފައިވާ އެ މަތިންދާ ބޯޓު ޕެންސިލްވޭނިއާ އަށް ދިޔައީ އޮހާޔޯ އިން ނައްޓާލައިގެން 17 ގަޑިއިރުގެ ދަތުރަކަށް ފަހު އެވެ. މެއި 30 ގެ ފަހުން ނިއު ޔޯކުގެ ޖޭއެފްކޭ އެއާޕޯޓަށް ކުރަން ހަމަޖެހިފައިވާ ދަތުރުގައި ސްޓެޗޫ އޮފް ލިބަޓީ މަތިން ދާއިރު ނަގަން ލިބޭ ފޮޓޯ އަށް އެ ބޯޓުގެ ދެ ޕައިލަޓުން ކަމުގައިވާ ބާޓްރަންޑް ޕިކާޑް އާއި އޮންޑްރޭ ބޯޝްބާގް ތިބީ ކެތް މަދުވެފަ އެވެ.
މިދިޔަ އަހަރުގެ މާޗް 9 ގައި އަބޫ ދާބީން ނައްޓާލި މަތިންދާ ބޯޓު ވަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް މިހާރު ވެސް ދަތުރުކޮށްފަ އެވެ. އެތަކެއް ހާސް ސޯލާ ސެލްތައް ހަރުކޮށްފައިވާ ބޯޓު އޮހާޔޯ އިން އަންގާރަ ދުވަހު ނައްޓާލަން ހަމަޖެހިފައިވީ ނަމަވެސް އެ ބޯޓުގެ މޮބައިލް ހޭންގަރަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ދަތުރު ފަސް ކުރަން ޖެހުނެވެ.
ނަމަވެސް ބުދަ ދުވަހު ދަތުރު "ވަރަށް ހިތްގައިމު" ކަމުގައި ސްވިޓްޒަލަންޑުގެ ވިޔާފާރިވެރިޔާ ބޯޝްބާގް ސިފަކުރި އެވެ.
"މި ދަތުރުގެ މަގުސަދަކީ، އަވީން ދުއްވާ މަތިންދާ ބޯޓު ދުނިޔެ ވަށާ ބުރެއް ޖެހުމަށް ފަހު، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިއީ ކުރެވިދާނެ ކަމެއްކަން މުޅި ދުނިޔެ އަށް ސާބިތުކޮށް ދިނުން،" ބޯޓުގެ ދެ ޕައިލެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ބޮއިންގެ 747 އެއްގެ ފިޔަގަނޑުގެ ސައިޒު އަދި ކާރެއްގެ ބަރުދަން ހުންނަ ސޯލާ މަތިންދާ ބޯޓުގައި 17،000 ސޯލާ ސެލްސް ވަނީ ހަރުކޮށްފަ އެވެ. ރޭގަނޑު އެ ބޯޓު ދުއްވަނީ ދުވާލު ރައްކާ ކުރެވޭ ހަކަތައިންނެވެ.
އެމެރިކާ ހުރަސް ކުރުމަށް ފަހު، އެ ބޯޓު ދެން ދަތުރުފަށާނީ ޔޫރަޕަށެވެ. އަދި އެއަށް ފަހު ދުނިޔެ ވަށާ ބުރު ހަމަކުރުމަށް އެނބުރި އަބޫ ދާބީ އަށް މިސްރާބު ޖަހާނެ އެވެ.