18 އޮކްޓޯބަރ 2018 - 09:51

މޮނާކޯ (އޮކްޓޫބަރު 18) - ކޯޗިން ކެރިއަރުގައި ކުރިއަށްދާއިރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ މިސާލެއްގެ ގޮތުގައި ބެލިކަމުގައި ވިޔަސް އޭނާގެ ހުރިހާ ކަމެއް ކޮޕީނުކުރާނެ ކަމަށް ދާދި ފަހުން މޮނާކޯގެ ކޯޗުކަމާ ހަވާލުވި ފްރާންސްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ބުނެފި އެވެ.
އާސެނަލް ޔޫތު ޓީމުގައި ކޯޗިންގެ މަސަައްކަތް ފެށި އުމުރުން 41 އަހަރުގެ އޮންރީ 2016 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އައީ ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އެސިސްޓަންޓެއްގެ ގޮތުގަ އެވެ. ބެލްޖިއަމް އެސިސްޓަންޓް ކޯޗުކަމުގައި އޮންރީ ހުއްޓައި ގިނަ ކްލަބްތަކުގެ ހުށަހެޅުން ލިބުނެވެ.
ބާސެލޯނާ އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުމަށް ފަހު ގާޑިއޯލާ ވެސް އޭނާގެ ކޯޗިން ކެރިއަރު ފެށީ އެ ޓީމުންނެވެ. އޮންރީ އަކީ ވެސް މޮނާކޯ އިން ސީނިއާ ކެރިއަރު ފެށި ކުޅުންތެރިއެކެވެ. އޭނާ ކޯޗިން ކެރިއަރު ފަށަން މި ޖެހުނީ މޮނާކޯ އިންނެވެ.
"އަހަރެން މިސާލަކަށް ބަލަނީ ގާޑިއޯލާ. އަހަންނަށް ވަރަށް ގާތުން އޭނާގެ މަސައްކަތްތައް ފެނުނު. ގާޑިއޯލާ އަކީ ފުޓްބޯޅަ އަށް ތަފާތެއް ގެނައި ކޯޗެއް. އަހަރެން ބޭނުންވަނީ އޭނާ ކުރި ހުރިހާ ކަމެއް ކޮޕީކުރާކަށެއް ނޫން. އަމިއްލަވަންތަ ގޮތްތަކެއް ވެސް ތައާރަފްކުރަން ބޭނުން،" މޮނާކޯއާ ހަވާލުވެ ބޭއްވި ރަސްމީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އޮންރީ ބުންޏެވެ.
އޮންރީ ބުނީ އާސެނަލްގައި ގިނަ އަހަރުތަކެއް ވަންދެން ހޭދަކުރުމަށް ފަހު ބާސެލޯނާ އަށް ބަދަލުވެ ގާޑިއޯލާއާ އެކު ކުރެވުނީ މުޅިން ތަފާތު ތަޖުރިބާތަކެއް ކަމަށެވެ.
"ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބާސެލޯނާގައި ކުޅުނުއިރު ފުޓްބޯޅައިގެ ތަފާތެއް އަހަންނަށް އިހުސާސް ކުރެވުނު. އޭނަ ކުރިން މަސައްކަތް އެއީ ތަފާތު މަސައްކަތެއް. ކޮންމެ ކުޅުންތެރިއަކު ގާތުގައި ކުޅެންވީ ގޮތް އޭނަގެ ވިސްނުން ހުރި ގޮތް ވަކިވަކިން ބުނެދޭ. އެ ތަފާތު އެ ދުވަސްވަރުގެ ބާސެލޯނާ އިން ވެސް ފެނުނު. ހުރިހާ ކާމިޔާބެއް ހޯދި. މި ހުރިހާ ކަމެއްގެ ތަފާތަކީ މަސައްކަތައް ހުރި ލޯތްބާއި ކުރި ބުރަ މަސައްކަތް،" ސްކައިސްޕޯޓްސްގެ ޓީވީ އެނަލިސްޓެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރި އޮންރީ ބުންޏެވެ.
މޮނާކޯ އިން އާ ކޯޗެއް މި ހަމަޖެއްސީ ލެއޮނާޑޯ ޖާޑިމަށް މި ސީޒަނުގައި ނަތީޖާ ނުނެރެވޭތީ އެވެ. ނުވަ މެޗުން ހަ ޕޮއިންޓް ލިބި މޮނާކޯ އޮތީ ފްރާންސް ލީގުގެ ފުލުން ތިން ވަނައިގަ އެވެ. އޮންރީ ބުނީ ޓީމުގެ ހާލަތު ބަދަލުކުރަން ހުރިހާ ކުޅުންތެރިންގެ އެހީތެރިކަން އޭނާ އަށް މުހިއްމުވާނެ ކަމަށާއި ވަކި ޓާގެޓްތަކެއް ކަނޑައަަޅައިގެން ކުރިއަށް ދިއުމުގެ ވިސްނުމެއް އެންމެ ފުރަތަމަ ދުވަހު ނިންމުމަކީ އޭނާ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.