އަންނަ އަހަރު އެނބުރި އަންނާނަން: ވެންގާ
އަންނަ އަހަރު އެނބުރި އަންނާނަން: ވެންގާ

ޕެރިސް (އޮކްޓޫބަރު 18) - އަންނަ އަހަރު ކޮންމެވެސް ޓީމަކުން ފެންނާނެ ކަމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ބާވީސް އަހަރު އާސެނަލަށް ކޯޗުކޮށްދިނުމަށް ފަހު ވެންގާ ވަނީ މިދިޔަ ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލައިފަ އެވެ. އާސެނަލަށް ފަހު ފުޓްބޯޅައިގެ ކަންތައްތަކުން ބްރޭކެއް ނަގާނެ ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.

އެނބުރި އަންނާނެ ތާރީހެއް ވެންގާ ބުނި ނަމަވެސް ކޯޗިން އިން އަލުން ފެންނާނެ ކަމެއް ޔަގީނެއް ނޫނެވެ. އޭނާ ބުނީ ތަފާތު މަގާމުތަކުގެ ހުށަހެޅުން ލިބިފައިވާ ކަމަށެވެ. ގައުމީ ޓީމުތަކާއި ކްލަބްތަކުން ވެސް ހުށަހެޅުން ލިބިފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަހަންނަށް ރަނގަޅަށް އަރާމްކުރެވިއްޖެ. އަލުން މަސައްކަތް ފަށަން މިހުރީ ތައްޔާރަށް. އަހަރެންގެ އުއްމީދަކީ ޖެނުއަރީ 1 ވަނަ ދުވަހު މަސައްކަތް ފެށުން. އެކަމަކު ވަކި ތަނެއް އަދި ނޭނގޭ،" އުމުރުން 68 އަހަރުގެ ވެންގާ ބުންޏެވެ.

ވެންގާ ވަނީ 1996 ވަނަ އަހަރު އާސެނަލާ ހަވާލުވުމުގެ ކުރިން ޖަޕާނުގެ ނަގޯޔާ ގްރެމްޕަސް އަށް ކޯޗުކޮށްދީފަ އެވެ. ފްރާންސްގައި އޭނާ ވަނީ ނެންސީ އާއި މޮނާކޯގައި ވެސް މަސައްކަތްކޮށްފަ އެވެ.

"އެބަހުރި އެސޯސިއޭޝަންތަކުން ވެސް ހުށަހެޅުން ލިބިފައި. ގައުމީ ޓީމުތަކުން ވެސް. ފަހަރެއްގައި ޖަޕާނުން ވެސް ފެނިދާނެ،" އޭނާ ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ހިނގާދިޔަ ކަންތައްތަކަށް ފަހު އާސެނަލްގެ ތަރި މެސުޓް އޮޒިލް ވަނީ ޖަރުމަނު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ވެންގާ ބުނީ އުމުރުން 30 އަހަރުގެ މުހިއްމުކަން ޖަރުމަނު ޓީމަށް ބޮޑު ކަމަށެވެ.

"ޖަރުމަނަށް އޮޒިލް އަދިވެސް ވަރަށް މުހިއްމު. އަހަރެންގެ އުއްމީދަކީ ޖަރުމަނު ކޯޗު ޔަކީމް ލޯގެ ފަރާތުން އިތުރު މަސައްކަތްތަކެއް ފެނި އޮޒިލް އަށް ވިސްނައިދީގެން އޭނަ އަލުން ގައުމީ ޓީމަށް ގެންދިއުން،" ވެންގާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ވެންގާ އަށް ވަނީ ޕީއެސްޖީގެ ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމު ހުށަހަޅައިފަ އެވެ. އަދި ޖަަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަނެއްގެ މަގާމެއްގެ އިތުރުން އެފްރިކާގެ ދެ ގައުމީ ޓީމަކުން ވެސް ވެންގާ އަށް ވަނީ ހުށަހެޅުން ލިބިފަ އެވެ.