18 އޮކްޓޯބަރ 2018 - 08:56

ލަންޑަން (އޮކްޓޫބަރު 18) - އިނގިރޭސި ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީ ސްޓޭޑިއަމް ގަންނަން ޕާކިސްތާނަށް އުފަން އެމެރިކާގެ މަހުޖަނު ޝާހިދު ހާން ކުރަމުން އައި މަސައްކަތް ހުއްޓާލައިފި އެވެ.
ވެމްބްލީ ގަންނަން މި އަހަރުގެ ކުރީކޮޅުގައި ހާން ކުރީ 784.8 މިލިއަން ޑޮލަރުގެ ބިޑެކެވެ. ޝާހިދަށް ދަނޑު ވިއްކާލި ނަމަވެސް ދަނޑުގެ ހޮސްޕިޓަލިޓީ ރައިޓްސް އޮންނާނީ އެފްއޭއެގެ ބެލުމުގެ ދަށުގައި ކަމަށް ކަނޑައެޅި އެވެ.
ޝާހިދަކީ އިނގިރޭސި ފުޓްބޯޅަ ކްލަބް ފުލަމް އާއި ނެޝަނަލް ފުޓްބޯލް ލީގު (އެންއެފްއެލް)ގެ ޖެކްސަންވިލް ޖެގުއާސްގެ ވެރިޔާ އެވެ. މާލިއްޔަތުގައި 7.5 ބިިލިއަން ޑޮލަރު ހުރި ޝާހިދު އަންނަނީ ކުޅިވަރަށް އެކި ގޮތްގޮތުން ބޮޑު ހޭދައެއް ކުރަމުންނެވެ.
ވެމްބްލީ ގަތުމަށް ފަހު ޝާހިދުގެ ވިސްނުން ހުރީ އެ ތަނުގައި އެންއެފްއެލް މެޗުތައް ކުރިއަށް ގެންދިއުމަށެވެ. އޭގެ ސަަބަބުން ފުޓްބޯޅަ މެޗުތައް ކުރިއަށް ގެންދަން މާ ބޮޑު ހުރަހެއް ނޯންނާނެ ކަމަށް ޝާހިދު އޭރު ބުންޏެވެ. އެކަމަކު އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭގޮތުގައި ޝާހިދަށް ވެމްބްލީ ވިއްކާލުމަށް ފަހު އެތަނުގައި ފުޓްބޯޅަ މެޗުތަކަށް ވުރެ އެންއެފްއެލް މެޗުތައް ގިނައިން ކުރިއަށްދާނެ އެވެ.
ދަނޑު ވިއްކާލުމާ މެދު ގޮތެއް ނިންމަން އަންނަ ހަފުތާގައި އެފްއޭ ކައުންސިލުގައި ވޯޓު ނެގުމަށް އޮތީ ޝެޑިއުލް ކޮށްފަ އެވެ. އޭނާ ވެމްބްލީ ގަތުމުގެ ހިޔާލު ދޫކޮށްލީ އިނގިރޭސި އެފްއޭގެ ސަޕޯޓް މިކަމަށް އެންމެ ފުރިހަމަ އަށް ނުލިބޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ވަގުތަށް ވެމްބްލީ ގަތުމުގެ މަސައްކަތް ހުއްޓާލި ނަމަވެސް މުސްތަގުބަލުގައި އިނގިރޭސި އެފްއޭ އިން އެ ދަނޑު ވިއްކާލަން ބޭނުންވެއްޖެނަމަ އަލުން ބިޑްކުރަން ޝާހިދު ހުރީ ތައްޔާރަށެވެ.
އިނގިރޭސި އެފްއޭ އިން ބުނީ ވެމްބްލީ ވިއްކާލަން އެއްބަސްވަނީ އެ ގައުމުގެ ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ކަމަށެވެ. ގްރާސްރޫޓު ހަރުދަނާ ކުރުމާއި އެހެނިގެން މުހިއްމު ހުރިހާ ކަމަށްޓަކައި ބޭނުންވާ ފަންޑް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ގޮތްތަކެއް ހޯދުމަށެވެ. އެކަމާ ގިނަ ބަޔެއްގެ ހިތްހަމަ ނުޖެހުން ހުރި ނަމަވެސް ދުރު މުސްތަގުބަލަކަށް ބަލާއިރު އޭގެ ފައިދާކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ބުނެފައިވެ އެވެ.
ވެމްބްލީގެ ޑީލް ކުރިއަށް ނުދިއުމުން އިނގިރޭސި އެފްއޭގެ ޗީފް އެގްޒެކްޓިވް މާޓިން ގްލެން ވިދާޅުވީ ގެއްލިގެން ދިޔައީ ފުޓްބޯޅަ ތަރައްގީ ކުރަން ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި ވެމްބްލީ ވިއްކާލުމަކީ އިނގިރޭސި ފުޓްބޯޅަ އަށް އޮތް ގެއްލުމެއްގެ ގޮތުގައި އެއްވެސް އިރެއްގައި އޭނާ ނުދެކޭ ކަމަށެވެ.
މަރާމާތަށް ބަންދު ކުރުމަށް ފަހު ވެމްބްލީ ހުޅުވީ 2007 ވަނަ އަހަރު އެވެ. އެ ދަނޑަކީ 90،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. ވެމްބްލީ އަކީ އިންގްލެންޑުގެ އެންމެ ގިނަ މީހުންނަށް ވަދެވޭ ދަނޑެވެ. އަދި ޔޫރަޕްގެ ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވަދެވޭ ދަނޑެވެ. ޔޫރަޕުގައި އެންމެ ޖާގަ ބޮޑީ ލައްކައެއްހާ މީހުންގެ ޖާގައިގެ ބާސެލޯނާގެ ކޭމްޕް ނައު އެވެ.