18 އޮކްޓޯބަރ 2018 - 11:08

އިސްތަންބޫލް (އޮކްޓޯބަރު 18) - ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ އަށް ވީ ގޮތެއް ބެލުމަށްޓަކައި ހިންގާ ތަހުގީގުގައި އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސުލްގެ ގެއަށް ތަހުގީގު ތީމުން އިއްޔެ ވަދެ އެ ގެ ބަލައި ފާސްކޮށްފި އެވެ.
ތުރުކީގައި ހުންނަ ސައުދީ ކޮންސުލް މުހައްމަދު އަލް އުސައިބީ ވަނީ އަންގާރަ ދުވަހު ރިޔާޒަށް ގޮހެވެ. އެހެންވެ ތުރުކީ ފުލުހުން ވަނީ ސައުދީ އޮފިޝަލުންގެ ހާޒިރުގައި ނޫނީ ކޮންސުލްގެ ގެ ބަލައި ފާސް ކުރަން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ރޭ ވަނީ ކޮންސުލްގެ ގެ ނުވަ ގަޑިއިރުވަން ދެން ފާސްކޮށްފަ އެވެ.
ކޮންސުލް ދިރިއުޅޭ ގޭ ހުންނަނީ ކޮންސިއުލޭޓާ 200 މީޓަރު ދުރުގަ އެވެ. ނޫސްވެރިޔާ ޚާޝޮގްޖީ ގެއްލުނު ދުވަހު ކޮންސިއުލޭޓުން ނުކުމެގެން ގިނަ އަދަދެއްގެ ޑިޕްލޮމެޓިކް ވެހިކަލް ކޮންސުލްގެ ގެއަށް ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ތުރުކީ ފުލުހުން ބުންޏެވެ.
ތުރުކީ ފުލުހުން އިއްޔެ ވަނީ ކޮންސިއުލޭޓް ބަލައި ފާސްކޮށްފަ އެވެ. ބައެއް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ކޮންސިއުލޭޓް ތެރޭ ޚާޝޮގްޖީ މަރާލި ކަމުގެ "ވަރުގަދަ" ހެކި ލިބިފައިވާ ކަމަށެވެ.
ޚާޝޮގްޖީ ކޮންސިއުލޭޓަށް ދިޔައީ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށް ތުރުކީން ތުހުމަތު ކުރި ނަމަވެސް ސައުދީން އެކަން ދޮގު ކުރެ އެވެ.