ސްޓޯންސްގެ ބަދަލުގައި އެވަޓަން އަށް ވިލިއަމްސް
ސްޓޯންސްގެ ބަދަލުގައި އެވަޓަން އަށް ވިލިއަމްސް

ލަންޑަން (އޮގަސްޓް 11) - ޕްރިމިއާ ލީގުގެ އެވަޓަން އިން ސްވަންސީ ސިޓީ އަށް ކުޅޭ ވޭލްސްގެ ޑިފެންޑަރު އޭޝްލީ ވިލިއަމްސް ގަނެފި އެވެ.

އެވަޓަން އިން އޭނާ ގެނައީ، މެންޗެސްޓާ ސިޓީ އަށް ވިއްކާލާފައިވާ ޖޯން ސްޓޯންސް ނެތްތަން ފޫބެއްދުމަށެވެ. އެވަޓަން އިން 47 މިލިއަން ޕައުންޑަށް ސްޓޯންސް ވިއްކާލުމަށް ފަހު، ވިލިއަމްސް ގަތީ ރިޕޯޓްތައް ބުނާ ގޮތުގައި 12 މިލިއަން ޕައުންޑަށެވެ.

އުމުރުން 31 އަހަރުގެ ވިލިއަމްސް ވަނީ މި ފަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެވަޓަންއާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ވިލިއަމްސް ބުނީ، އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަންއާ އެކު މަސައްކަތްކުރަން ކެތްމަދުވެފައިވާ ކަމަށެވެ.

"ކޫމަން އަކީ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ސެންޓަ ހާފް. އޭނާގެ ކިބައިން ވަރަށް ގިނަ އެއްޗެހި ދަސްވާނެ،" ވިލިއަމްސް ބުންޏެވެ.

ސްޓޯކްޕޯޓް އިން 2008 ވަނަ އަހަރު ސްވަންސީއާ ގުޅުނު ވިލިއަމްސް ވަނީ އެ ޓީމަށް 300 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. ކޫމަން ބުނީ އޭނާ އަކީ އެވަޓަން އަށް ބޭނުންވާ ފަދަ ތަޖުރިބާރު ލީޑަރެއް ކަމަށެވެ.

ވިލިއަމްސް އަކީ އާ ކޯޗު ކޫމަން އެ ޓީމަށް ގެނައި ތިން ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ދެ ކުޅުންތެރިންނަކީ ސެނެގާލްގެ މިޑްފީލްޑަރު އިޑްރިސާ ގުއެޔޭ އާއި ގޯލްކީޕަރު މާޓެން ސްޓެކެލެންބާގެވެ. އެ ޓީމުން އަންނަނީ ކްރިސްޓަލް ޕެލަސްގެ މިޑްފީލްޑަރު ޔަނިޗް ބޮލަސީ އާއި ސަންޑަލެންޑުގެ ޑިފެންޑަރު ލަމީނޭ ކޯނޭ ގެންނަން ވެސް މަސައްކަތްކުރަމުންނެވެ.