18 އޮކްޓޯބަރ 2018 - 06:45

ގޫގްލް އެސިސްޓަންޓާއި އެލެކްސާ އަކީ މިހާރުގެ އެންމެ ފަހުގެ އިލެކްޓްރޯނިކް ގިނަ ވަސީލަތްތަކުގައި ބޭނުންކުރާ ފީޗާތަކެކެވެ. ދޮރު ތަޅުލުމާއި ބޮކި ދިއްލުމުން ފެށިގެން އެއާކޯންގެ ފިނިމިން ބަހައްޓާނެ މިންވަރުގައި އުނދުން ރޯކުރަން ވެސް އެހީތެރިވެދެނީ މި އެކުވެރިންނެވެ.
މި ވެރިންގެ އެހީތެރިކަން ދެން އެންމެ އަވަހަށް ލިބެން އުޅެނީ އިށީންނަ ގޮނޑިއަށެވެ.
އިޓަލީގެ ނަޓުޓްޒީ ކުންފުންޏާއި އެލްޖީ އިލްކްޓްރޯނިކްސް ގުޅިގެން މިހާރު ތައްޔާރުވަނީ މޮޅު ސޯފާއެއް ނުވަތަ ސްމާޓް ސޯފާއެއް ބާޒާރަށް ނެރުމަށެވެ. ނަޓުޓްޒީއަކީ ފަރުނީޗަރުގެ ވިޔަފާރިކުރާ އިޓަލީގެ އެންމެ ބޮޑު ކުންފުންޏެވެ. އިލެކްޓްރޯނިކްސްގެ ދުނިޔޭގައި ނަން މަޝްހޫރު އެލްޖީ ކުންފުންޏާ ގުޅިގެން ނަޓުޓްޒީއިން ބާޒާރަށް ނެރޭނީ ކޮލޯޒިޔޯ މަރުކާގެ ސޯފާއެވެ.
މި ސޯފާގެ އެންމެ ޚާއްސަ ސިފައަކީ ސޯފާގައި އިށީންނަ މީހާ ދެނެގަންނަކަމެވެ. އެމީހަކު އިޚުތިޔާރުކުރާ ގޮތަކަށް ގޮނޑި އަނބުރާލުމާއި ޓީވީ އަޅުވައިދިނުން ފަދަ ކަންކަން ކުރުމުގެ ގާބިލްކަން މި ސޯފާއަށް ވަނީ ލިބިދީފައެވެ. ގޭތެރޭގެ ސްމާޓް އެހެން ވަސީލަތްތަކާ ގުޅުވާލުމުން ސޯފާގައި އިށީންނުމަށްފަހު ގޫގްލް އެސިސްޓަންޓަށް އަންގައިގެން ބޮކި ދިއްލުމާއި، ހީޓަރު ޖެއްސުމާއި، ޓީވީ ހުޅުވުން ފަދަ ކަންކަމަށް މަގުފަހިކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ސޯފާގައި އޮށޯވެލާއިރަށް އެމީހަކު ބޭނުން ގޮތަކަށް ސޯފާ އެނބުރިލުމާއި، އާންމުކޮށް އެ ގަޑީގައި އެމީހަކު ޓީވީއިން ބަލާ ޗެނަލްއަށް ޓީވީ އަޅުވައިދިނުމާއި، އެމީހަކު އިޚްތިޔާރުކުރާ އަލިކަމަކުން ބޮކި ދިއްލުން ފަދަ ކަންކަންވެސް ހިނގާނެއެވެ.
ކޮލޯޒިޔޯ ސޯފާއިން ކޮށްދޭނެކަމަށް ބެލެވޭ އެހެނިހެން ކަންކަމުގެ ތެރޭގައި ތެދުވެ އުޅުމަށް ދަތި މީހުންނަށް ފަސޭހަވާނެ ގޮތަށް، ގޮނޑި ކުޑަކޮށް ކޮޅަށް ޖެހިލުމާއި، ގޭގެ ދޮރުގެ ރަނގަބީލުގެ އަޑަށް ގޮނޑި ތެދުކޮށްލުން ކަހަލަ ކަންކަން ހިމެނެއެވެ. އަދި ދަންވަރު ޓީވީ ބަލައިލާފަ ތެދުވުމުން އެ އަޑަށް ނިދާކޮޓަރިއާއި ނިދާކޮޓަރިއަށް ދާން އޮންނަ މަގުގެ ބޮކި ދިއްލުން ފަދަ ކަންކަމަކީ ވެސް ވެދާނެ ކަންކަމެވެ.
ކޮލޯޒިޔޯ ސޯފާ އާންމުކޮށް ބާޒާރުގައި ވިއްކަން ނެރޭނެ ތާރީޚެއް އެ ނަޓުޓްޒީއަކުންވެސް އެލްޖީއަކުންވެސް އަދި ހާމަކޮށްފައެއް ނެތެވެ. އެހެނަސް ބެލެވޭ ގޮތުގައި މީގެ އަގު 4،000 ޑޮލަރަށްވުރެ ކުޑައެއްނުވާނެއެވެ.