11 އޯގަސްޓް 2016 - 12:40

އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އަލަށް ހަދަން ހަމަޖައްސާފައިވާ މަގުތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިނިސްޓްރީން ބުނީ ރޯޑް ޕްރޮޖެކްޓްގެ ދަށުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫގެ މަގުތަކެއް ހަދަން ނިންމާފައިވާ ކަމަށެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.
ފިނޭންސުން ބުނީ ހިތަދޫ ރޯޑް ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 365،000ރ. ހުށަހަޅަން ޖެހޭ އިރު، ފޭދު އާއި މަރަދޫފޭދޫގެ ޕްރޮޖެކްޓަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ ރަށަކަށް 72،000ރ. ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މަރަދޫ ރޯޑް ޕްރޮޖެކްޓަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 57،000ރ. ހުށަހަޅަން ޖެހޭ އިރު، ހުޅުމީދު އަށް 180،000ރ. ހުށަޙަޅަން ޖެހެ އެވެ.
މީގެ އިތުރުން ޕަފޮމަންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ހުށަހަޅަން ޖެހެ އެވެ.
ފިނޭންސުން ބުނީ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
އައްޑޫގައި އަލަށް ހަދާ މަގުތަކުގެ ސާވޭ ހައުސިން މިނިސްޓްރީން މިހާރު ވަނީ ނިންމައިފަ އެވެ. މިނިސްޓްރީން ބުނީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށް ދާނީ މަގުތަކުގައި ވަޅުލާން ޖެހޭ ހޮޅިތައް އަޅައި ނިމުމުން ކަމަށެވެ.
އައްޑޫގެ ފެނުގެ ނިޒާމް މިހާރު ނިމުމަކަށް އައިސްފައިވާ އިރު އަދި ނަރުދަމާގެ މަސައްކަތެއް ނުފެށެ އެވެ.