18 އޮކްޓޯބަރ 2018 - 00:50

ގާޒާ (އޮކްޓޯބަރު 17) - އިޒްރޭލުގެ ހަނގުރާމަ މަތީ ޖެޓްތަކުން ގާޒާގެ އެކި ތަންތަނަށް 20 އަށް ވުރެ ގިނަ ހަމަލާ މިއަދު ދީފި އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި 25 އަހަރުގެ ޒުވާނަކު ޝަހީދުވެފައިވާ ކަމަށެވެ. އަދި ޒަޚަމްވި އަށް މީހުންގެ ތެރޭގައި ކުޑަ ހަ ކުދިން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. ކުޑަ ކުދިންތައް ޒަޚަމްވެފައި ވަނީ ސްކޫލަށް ދިޔަ މަގު މަތީގަ އެވެ.
އިޒްރޭލް ސިފައިން ބުނެފައި ވަނީ ގާޒާ އަށް ވައިގެ ހަމަލާދީފައި ވަނީ ގާޒާ އިން ފޮނުވާލި ރޮކެޓް ހަމަލާއަކަށް ރައްދު ދިނުމަށް ކަމަށެވެ. އިޒްރޭލުގެ ދެކުނަށް ފޮނުވާލި ރޮކެޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އިޒްރޭލުން ބުނެފައި ވަނީ ގާޒާ އިން ފޮނުވާލި ރޮކެޓުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ހަމާސް ޖަމާއަތުން ކަމަށެވެ. ހަމާސް އިން ވަނީ އިޒްރޭލުގެ ތުހުމަތު ދޮގުކޮށްފަ އެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސްގެ ހަމަލާތަކަށް ވަރުގަދަ އަށް ރައްދު ދޭނެ ކަމަށް ބުނެފަ އެވެ. ގާޒާގެ ހަމަނުޖެހުންތަކާ ގުޅިގެން އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ ސަޕްލައި ކުރުން ހުއްޓާލައިފަ އެވެ.