17 އޮކްޓޯބަރ 2018 - 15:53

އެޑިސް އަބާބާ (އޮކްޓޯބަރު 17) - އިތިއޯޕިއާގެ ބޮޑު ވަޒީރު އަބިޔި އަހުމަދުގެ ކެބިނެޓުގެ ދެބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެނުން ކަމަށް ހަމަޖައްސައިފި އެވެ.

ބޮޑު ވަޒީރުގެ ނިންމުން ޕާލަމެންޓަށް ސާފުކޮށްދެއްވަމުން އަބިޔި ވިދާޅުވީ "ފިރިހެނުންނަށް ވުރެ އަންހެނުންގެ ކޮރަޕްޓްކަން ކުޑަވާނެ" ކަމަށެވެ. އަދި ގައުމުގައި ހަމަޖެހުމާއި އަމާންކަން ގާއިމް ކުރުމަށް އަންހެނުންނަށް ވެސް އެހީތެރިވެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތިއޯޕިއާގެ ޑިފެންސް މިނިސްޓަރުގެ މަގާމަށް ވެސް ހަމަޖައްސާފައި ވަނީ އަންހެނެކެވެ. އެފްރިކާގައި ރުވާންޑާ އަށް ފަހު ކެބިނެޓުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށްފައިވާ ގައުމަކީ އިތިއޯޕިއާ އެވެ.
އަބިޔި ވަނީ ކެބިނެޓުގެ އަދަދު 28 އިން 20 އަށް މަދުކޮށްފަ އެވެ. މިދިޔަ އެޕްރީލް މަހު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު 42 އަހަރުގެ އަބިޔި ވަނީ ވަރަށް ގިނަ އިސްލާހީ ބަދަލުތައް ތައާރަފް ކުރަން ފަށައިފަ އެވެ.