18 އޮކްޓޯބަރ 2018 - 06:46

ވާވޭ އާ ގުޅުން ހުރި މުވާސަލާތީ އާލާތްތަކަށް އަހުލުވެރިނުވުމަށް، އެމެރިކާގެ ސެނެޓަރުން ކެނެޑާ އަށް ގޮވާލައިފި އެވެ. އަދި ވަކިން ޚާއްސަކޮށް ވާވޭގެ 5ޖީ ޓެކްނޮލޮޖީއާ މެދު، އަލުން ބަލުން ވިސްނައި، ދުރުހެލިވުމަށް ވެސް ވަނީ އެދިފަ އެވެ.
އެމެރިކާ ގަބޫލުކުރާ ގޮތުގައި ވާވޭ އަދި ޒީޓީއީ އަކީ އެ ގައުމަށް ބޮޑު ނުރައްކަލެކެވެ. މި ދެ ކުންފުނި ދެކެ އެމެރިކާ ރުޅިއަރައިގަނެގެން އުޅޭ އަސްލު ސަބަބަކީ، ޗައިނާ ސަރުކާރު ދެކެ އަންނަ ރުޅި އެވެ. އެމެރިކާ ގަބޫލުކުރާ ގޮތުގައި، ވާވޭ އަދި ޒީޓީއީ އުފައްދާ ހާޑްވެތަކުގައި، ޖާސޫސްކުރުމަށް ބޭނުންކުރެވިދާނެ ޓެކްނޮލޮޖީ ހިމަނަ އެވެ.
އެމެރިކާ މަސައްކަތްކުރަނީ އެ މީހުން ބުނާ ބަސްއަހާ ބަޔަކު ލައްވައި، ޗައިނާ އަށް ދަތިކުރުމަށެވެ. ޗައިނާގައި އުފައްދާ މުދާ ނުގަތުމަށް ބާރުއެޅުމާ އެކު އެމެރިކާ ބުނެދެނީ ޗައިނާގައި އުފައްދާ މުވާސަލާތީ އާލާތްތަކަކީ އެއް ގޮތަކަށް ވެސް ބޭނުންކުރަން ހެޔޮވާ ވަރުގެ އާލާތްތަކެއް ނޫން ކަމަށެވެ.
ވާވޭ އަދި ޒީޓީއީން ވެސް މިކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް، އެމެރިކާ ރުއްސުމަށްޓަކައި އޮސްޓްރޭލިޔާ އިން ވެސް ވަނީ އެ ގައުމުގެ 5ޖީ ނެޓްވޯކްގައި ވާވޭ ޓެކްނޮލޮޖީ ބޭނުންނުކުރަން ނިންމާފަ އެވެ. އަދި އިންޑިޔާ އިން ވެސް ވާވޭއާ މެދު ވިސްނާ ކަމަށް ބުނެވެ އެވެ.
ކެނެޑާގައި 5ޖީ ނެޓްވޯކް ގާއިމުކުރަން ފަށާފައި ވާއިރު ވާވޭއާ އެކު އޮންނަނީ ދުރުނޫން ގުޅެމެވެ. އެމެރިކާއިން އެހެން ގޮވާލި ނަމަވެސް ކެނެޑާއިން އަދި އެމެރިކާ ކޮޅަށް ބުރަވާތީ ނުފެނެ އެވެ. އެހެން ނަމަވެސް، 5ޖީ ނެޓްވޯކް ގާއިމުކުރަން ކުރާ މަސައްކަތްތައް ސިޔާސީނުކުރުމަށް އެދިލައްވާ ކަމަށް، ކެނެޑާގެ ބޮޑު ވަޒީރު، ޓްރޫޑޯ ވިދާޅުވެފައި ވެ އެވެ.