17 އޮކްޓޯބަރ 2018 - 15:24

ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން އެއްވެސް މީހެއްގެ އަތުން ފައިސާ ހޯދަން ނުގުޅާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް ލިބުނު މީހުންގެ އަތުން ފައިސާ ހޯދަން، އެ މިނިސްޓްރީގެ ނަމުގައި ބަޔަކު ގުޅަމުންދާ ކަމަށެވެ. ފޯން ކޯލުގެ އިތުރުން އެ މިނިސްޓްރީގެ ނަމުގައި ބައެއް މީހުން މެސެޖާއި އީމެއިލް ވެސް ކުރަމުންދާ ކަމަށާއި އެހެންވެ އެ ކަންކަމަށް ސަމާލުވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ފްލެޓްތައް ލިބުނު މީހުންނަށް ހައުސިން މިނިސްޓްރީން ފައިސާގެ މުއާމަލާތެއް ކުރާނީ އެ މީހުންނަށް މިނިސްޓްރީން ރަސްމީ ލިޔުމެއް ދިނުމަށް ފަހު އަދި ކޮންޓްރެކްޓްގައި ސޮއި ކުރުމަށް ފަހު ކަމަށް ވެސް ބުނެފައިވެ އެވެ.
ހިޔާ މަޝްރޫއަށް ފޯމް ބަލައިގަތުން މިދިޔަ މަހު ހުއްޓައިލި އިރު އެތައް ހާސް ބަޔަކު ފޯމު ހުށަހަޅާފައިވެ އެވެ. އަދި މިދިޔަ ހަފުތާގައި އެ މިނިސްޓްރީން ވަނީ މި މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން އިއުލާންކޮށްފަ އެވެ.