ތަހްގީގު ކުރިއަށް ދަނިކޮށް ކޮންސިއުލޭޓުގެ ވެރިޔާ ސަައުދީ އަށް
ތަހްގީގު ކުރިއަށް ދަނިކޮށް ކޮންސިއުލޭޓުގެ ވެރިޔާ ސަައުދީ އަށް

އިސްތަންބޫލް (އޮކްޓޯބަރު 17) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ނޫސްވެރިޔާ ގެއްލިގެން ތުރުކީން ތަހުގީގު ކުރަމުން ދަނިކޮށް ކޮންސިއުލޭޓުގެ ވެރިޔާ ކުއްލިއަކަށް ސައުދީ އަށް ހިނގައްޖެ އެވެ.

ކޮންސުލް މުހައްމަދު އަލް އުސައިބީ ފުރާފައި މި ވަނީ އޭނާ ދިރިއުޅޭ ގޭ ތުރުކީ ފުލުހުން ބަލައި ފާސްކުރަން ހަމަޖެހިފައި ވަނިކޮށެވެ. އިއްޔެ ހެނދުނު އޭނާ ސައުދީ އަށް ފުރީ ކޮމާޝަލް ފްލައިޓެއްގަ އެވެ.

ކޮންސުލް ދިރިއުޅޭ ގޭ ހުންނަނީ ކޮންސިއުލޭޓާ 200 މީޓަރު ދުރުގަ އެވެ.

ތަހުގީގަށް ކޮންސުލްގެ ގޭ ބަލައި ފާސްކުރަން ތުރުކީ ފުލުހުން ދިޔަ އިރު ސައުދީގެ އެއްވެސް އޮފިޝަލެއް ނެތުމުން އެ ގޭ ބަލައި ފާސްކުރެވޭ ގޮތެއް އިއްޔެ ނުވި އެވެ.

ނޫސްވެރިޔާ ޚާޝޮގްޖީ ގެއްލުނު ދުވަހު ކޮންސިއުލޭޓުން ނުކުމެގެން ގިނަ އަދަދެއްގެ ޑިޕްލޮމެޓިކް ވެހިކަލް ކޮންސުލްގެ ގެއަށް ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ތުރުކީ ފުލުހުން ބުންޏެވެ.

ތުރުކީ ފުލުހުން އިއްޔެ ވަނީ ކޮންސިއުލޭޓް ބަލައި ފާސްކޮށްފަ އެވެ. ބައެއް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ކޮންސިއުލޭޓް ތެރޭ ޚާޝޮގްޖީ މަރާލި ކަމުގެ "ވަރުގަދަ" ހެކި ލިބިފައިވާ ކަމަށެވެ.

ޚާޝޮގްޖީ ކޮންސިއުލޭޓަށް ދިޔައީ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ.