ބޮޑު ޓީމެއް ނެތް، ޕްރިމިއާ ލީގު މިހާރު މާ ވަރުގަދަ: ވެންގާ
ބޮޑު ޓީމެއް ނެތް، ޕްރިމިއާ ލީގު މިހާރު މާ ވަރުގަދަ: ވެންގާ

ލަންޑަން (އޮގަސްޓް 11) - ކުރިއާ ހިލާފަށް ޕްރިމިއާ ލީގުގައި މިހާރު ބޮޑު ޓީމެއް ނެތް ކަމަށާއި ލީގު މިހާރު މާ ވަރުގަދަ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އިނގިރޭސި ބޮޑެތި ކްލަބްތަށް ސިއްސުވާލުމަށް ފަހު މިދިޔަ ސީޒަނުގައި ލެސްޓާ ސިޓީ ވަނީ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ވެންގާ ބުނީ މިދިޔަ ސީޒަން މިސާލެއް ކަމަށާއި މި ލީގުގައި ކޮންމެ ފަދަ ނަތީޖާއެއް ނުކުތުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

"ކާކު ހީކުރަނީ މިިދިޔަ ސީޒަނުގައި ލެސްޓާ ލީގު ޗެމްޕިއަންކަން ހޯދާނެ ކަމަށް. އަހަރެން ދެކޭގޮތުގައި އެއްވެސް މީހަކަށް ޔަގީންކުރެވޭނެ ކަމެއް ނޫން އެއީ. ކޮންމެ ސީޒަނެއްގައި ވެސް އެ ފަދަ ޓީމެއް ޕްރިމިއާ ލީގުން ފެނިދާނެ. ހާއްސަކޮށް މި ފަހަރު މިއޮތީ ލީގުގެ ވާދަވެރިކަން އެތައް ގުނައަކަށް އިތުރުވެފައި،" ކުރިއަށް އޮތް ސީޒަނާ ގުޅޭގޮތުން ވެންގާ ބުންޏެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގައި ކޯޗުންގެ ވާދަވެރިކަން ވެސް ވަނީ ބޮޑުވެފަ އެވެ. ޗެލްސީ އަށް ކުރިން ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ މިހާރު ޔުނައިޓެޑްގައި ހުރިއިރު، ޖޯސެފް ގާޑިއޯލާ ވަނީ މެންޗެސްޓާ ސިޓީއާ ހަވާލުވެފަ އެވެ. އަދި އެންޓޯނިއޯ ކޮންޓޭ ފެންނާނީ ޗެލްސީންނެވެ.

"ކުރިން ޕްރިމިއާ ލީގުން ފެންނަނީ ހަމައެކަނި މަޝްހޫރު ކުޅުންތެރިން. އެކަމު މިފަހަރުގެ ސީޒަނުގައި ޓީމުތަކުން މި ފެންނަނީ މަޝްހޫރު ކޯޗުން. މި ކަމުން ވެސް ދޭހަވަނީ ލީގުގެ ވާދަވެރިކަން ބޮޑުވެފައިވާ މިންވަރު. މިއީ ތަފާތު އަހަރަކަށް ވާނެ،" ވެންގާ ބުންޏެވެ.

އާސެނަލް އެންމެ ފަހުން ލީގު ހޯދާފައިވަނީ 2004 ވަނަ އަހަރު އެވެ. ވެންގާ ބުނީ ކުރިއަށް އޮތް ސީޒަނުގައި އާސެނަލްގެ އެންމެ ބޮޑު އަމާޒަކީ ލީގު ކަމަށާއި ޓީމު ވަރުގަދަ ކުރުމަށް އިތުރު ދެ ކުޅުންތެރިން ބޭނުންވާ ކަމަށެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަނުގައި އާސެނަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ.