އެންމެ ކްލަބަކާ އެކު ވޮލީގެ އަހަރީ ޖަލްސާ ބާއްވައިފި
އެންމެ ކްލަބަކާ އެކު ވޮލީގެ އަހަރީ ޖަލްސާ ބާއްވައިފި

ފުރިހަމަ މެމްބަޝިޕް ލިބިފައިވާ އެންމެ ކްލަބަކާ އެކު ވޮލީބޯޅަ އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާ ރޭ ބާއްވައި އަސާސީ ގަވާއިދަށް އިސްލާހުތަކެއް ގެނެސް އާ ލޯގޯއެއް ފާސްކޮށްފި އެވެ.

މީޑިއާ އަށް ދައުވަތު ނުދީ ބޭއްވި މި ޖަލްސާއާ ބެހޭގޮތުން އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ޝަރުތު ހަމަވާ އޮތީ ޕޮލިސް ކްލަބާއި އައްޑޫ ސްޕޯޓްސް ކަމަށާއި އޭގެ ތެރެއިން އައްޑޫ ސްޕޯޓްސް ހާޒިރުވުމުން ކޯރަމް ހަމަވި ކަމަށެވެ.

ލަތީފް ވިދާޅުވީ ފުރިހަމަ މެމްބަރުންގެ ގޮތުގައި ދެން އޮތް ފުވައްމުލަކު މިސްކިތްމަގާއި މޯލްޑިވިއަން ސްޕޯޓްސް އިން ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީވެފައި ނެތުމުން މެމްބަޝިޕް ގެއްލުނީ ކަމަށެވެ.

މީގެ އިތުރުން އަސާސީ ގަވާއިދުގައި ބުނާ އެހެން ޝަރުތުތަކުގެ ތެރެއިން އެކްސްކޯ ހަ މެމްބަރުން ހާޒިރުވި ކަމަށާއި އަދި އެކްސް އޮފިޝަލުންގެ ތެރެއިން ދެ މެމްބަރުން ހާޒިރުވި ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. އެކްސް އޮފިޝަލުންގެ ގޮތުގައި ވޮލީ އެސޯސިއޭޝަނުގައި ތިބެނީ ރައީސް ލަތީފާއި ޖެނެރަލް ސެކްރެޓަރީ އަހުމަދު އަދީލް (ބޭބެ) އަދި ނައިބް ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އެވެ. މީގެ ތެރެއިން ރަނޭ ދާދި ފަހުން އެސޯސިއޭޝަނާ މެދު ހިތްހަމަނުޖެހި އިސްތިއުފާ ދީފައިވާއިރު ލަތީފާއި ބޭބެ ރޭގެ ޖަލްސާ އަށް ހާޒިރުވި އެވެ.

ލަތީފް ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގެ އެންގުމާ އެއްގޮތަށް އަސާސީ ގަވާއިދަށް ގެނައި ބަދަލުތަކަށް އެ އޮފީހުން އެޕްރޫވަލް ލިބުމާ އެކު ރޭގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ލޯގޯ ބަދަލުކުރަން ފާސްކުރީ އެކްސްކޯ އިން އެގޮތް ބޭނުންވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެނައި ބަދަލުތައް ވަރަށް އަވަހަށް މީޑިއާއާ ހިއްސާކުރާނަން،" ލަތީފް ވިދާޅުވި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ހިންގުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ލަތީފާއި އެސޯސިއޭޝަނަށް ވޮލީބޯޅައިގެ ބައެއް ހިދުމަތްތެރިން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ނައިބް ރައީސް ރަނޭ އިސްތިއުފާ ދިނީ ވެސް އެސޯސިއޭޝަނުގައި މަސައްކަތްކުރާނެ މާހައުލެއް ނެތް ކަމަށް ބުނެ އެވެ.